ދިރިއުޅުމަށް އެންމެ އެކަށީގެންވާ މާހައުލެއް ގާއިމުކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ، އޭގެތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަން މިނިސްޓަރު މިއަދު ހާމަކުރެއްވި

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ގިރާވަރުފަޅުން ދޭން ނިންމާފައިވާ 1،000އަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މުއްތަލިބް ވިދާޅުވީ، ގިރާވަރުފަޅުން ޖުމްލަ 5،186 ގޯތި ދޭން މިދިޔަ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެއީ 170 ހެކްޓަރުގެ ބިން ކަމަށެވެ.
ނަމަވެސް، އެތަނުން އެހާ ގިނަ އަދަދަކަށް ގޯތި ދީގެން، ދިރިއުޅުމަށް އެންމެ އެކަށީގެންވާ މާހައުލެއް ގާއިމުކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ، އޭގެތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަން މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ.
އެއާއެކު، ބާކީ 4،702 ގޯތި ދިނުމަށް ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގެޒެޓު ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކަށް ބޭރުން އިތުރު ދެ ޑްރެޖަރު ގެނެސްފައިވާއިރު، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާ އެކު، އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އަދި ޖެނުއަރީ މަހުގެ ތެރޭގައި ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ބިން ހިއްކާ ނިމެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. ނަމަވެސް، އެތަނުގައި ދަތުރުފަތުރުގެ ދަތިކަމާ ހެދި އެ މަސައްކަތް ލަސްވެފައިވާތީ، ގުޅިފަޅަށް ބަހެއް ގެންގޮސް، އެ މަސައްކަތް އަވަސްކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.