ހުޅުމާލެ މި ސަރަހައްދުން ބިންވެރިޔާ ސްކީމްގެ ދަަށުން ގާތްގަނޑަކަށް 700 އެއްހާ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލެ ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު ހިއްކަން ޖެހޭ ސަރަހައްދުގެ %74 ހިއްކާ ނިންމާލައިފި އެވެ.
ހިއްކުމުގެ މަސައްކަތުގެ އަޕްޑޭޓެއް ދެމުން އެމްއޭސީއެލް އިން ބުނީ 47 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ވަނީ ނިމިފަ އެވެ. މިއީ ހިއްކަން ޖެހޭ ސަރަހައްދުގެ ޖުމްލަ 74.6 ޕަސެންޓް ކަމަށް އެ ކުންފުނިން ބުނެފައި އެވެ.
ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު ހަލުވިކަމާއެކު އެ މަސައްކަތް ކުރަމުންދާކަން އެމްއޭސީއެލްއިން ފާހަގަ ކުރި އެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްދަނީ ބައިތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ސައިޓް A އަދި ސައިޓް B ގެ ބޮޑު ބައެއް މިހާރު ވަނީ ހިއްކާ ނިމިފަ އެވެ.
ހުޅުމާލެ ތިންވަަނަ ފިޔަވަހީގެ ނަމުގައި މި ސަރަހައްދު ހިއްކަމުން ގެންދަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމުގެ އިތުރުން ހައުސިންގެ މަޝްރޫއުތައް ހިންގާށެވެ.
މި މަޝްރޫޢަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ( ގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި "ރިވެޓްމަންޓް" ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
ހުޅުމާލެ މި ސަރަހައްދުން ބިންވެރިޔާ ސްކީމްގެ ދަަށުން ގާތްގަނޑަކަށް 700 އެއްހާ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ބޮޑުމިން އުޅެނީ 1,250 އަކަފޫޓާއި 4,000 އަކަފޫޓާ ދެމެދުގަ އެވެ.