މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވެއްޖެ

ސާބިތުވި ދައުވާތަކާ ގުޅިގެން އަދަބު ކަނޑައެޅުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އަދަބު ކަނޑައެޅެންދެން، މަންޑޭ އާއި ޖައިޝާން ވަނީ ބަންދުކޮށްފަ އެވެ.

ހަސަން މަމްދޫދު (މަންޑޭ): އޭނާ މައްޗަށް 94 ދައުވާ ވަނީ ސާބިތުވެފައި --

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. 

މި މައްސަލައިގައި މަންޑޭ ވަނީ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސްގައި އެ ކުންފުނީގެ ނަމުގައި އެކައުންޓް ހުޅުވައިގެން، ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އެޕާޓްމަންޓްތައް އޮޅުވާލާއިގެން ވިއްކައި އަދި ބައެއް އެޕާޓްމަންޓްތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކަށް ވިއްކައި އެ ފައިސާއަށް ހިޔާނާތްތެރިވެފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން 104 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. ސާބިތުވެފައި ވަނީ ޓެކުމުގެ 46 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާގެ އިތުރުން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ 1 ދައުވާ އެވެ. 

މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ ޖައިޝާން ސައީދުގެ މައްޗަށް ވެސް ވަނީ 93 ދައުވާ ސާބިތުވެފަ އެވެ. 

މި މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެފައިވާތީ، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ އޭރިއާ 2597.58 އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް (02-13) ޕާކިން ސްލޮޓް ދައުލަތަށް ނެގުމަށް ވަނީ ނިންމާފަ އެވެ.

ސާބިތުވި ދައުވާތަކާ ގުޅިގެން އަދަބު ކަނޑައެޅުން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އަދަބު ކަނޑައެޅެންދެން، މަންޑޭ އާއި ޖައިޝާން ވަނީ ބަންދުކޮށްފަ އެވެ. މަންޑޭ މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ވެސް ފުލުހުންގެ ބަންދުގައި ބަހައްޓައިގެންނެވެ.

މި މައްސަލައާ ގުޅިގެން މަންޑޭގެ މުދާތައް ވެސް ވަނީ ހިފަހައްޓާފަ އެވެ. ހިފަހައްޓާފައިވާ މަންޑޭގެ މުދާތަކުގެ ތެރޭގައި ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެއް ހިމެނެ އެވެ.

އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ. އެ ޕެންޓް ހައުސްގެ ތެރެއިން އަގުބޮޑެތި މުދާ ވަނީ ހޯދާފަ އެވެ. އެގޮތުން، ލަގްޒަރީ ބްރޭންޑެޑް ދަބަހާއި ގަހަނާ އަދި ސެންޓު ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.