ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވި

ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި، ސުނާމީ ކާރިސާއިން ލިބުނު އިބްރަތްތައް ގިނަގުނަކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ މިފަދަ ހާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާ ކޮންމެ އާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި އިޖްތިމާއީ އެތައް ފައިދާތަކެއްވާ ކަމަށެވެ.
އަދި ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ގައުމީ ތަރައްގީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި، ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމުގެ އިތުރުން، ބައިނަލްއަގްވާމީ މުޖްތަމައާ އެކުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އަބަދުމެ ދެމިއޮތުމުގެ ފައިދާ އަކީ މިކަމުން ލިބުނު އިބްރަތެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި، ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ހިތާބު ނިންމަވާލެއްވީ ސުނާމީ ކާރިސާއަށް ފަހު ދިވެހިން ދިރުވި އެއްބައިވަންތަކަން ހަނދާންކޮށް އެއް ގައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމާއި، އެކުވެރި ކަމުގެ ގަދަފަދަ ގުޅުމާއި ބާރު ހަނދާންކޮށްދެއްވަމުންނެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ރައީސް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ އަގީދާ މަގުދައްކަނީ ގައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމާއި އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި އިހްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ގައުމު ބިނާކުރުމުގައި އަތުގުޅައިލަން ކަމަށެވެ.
ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ހާލަތެއްގައިވެސް ދިވެހިންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ހުލްގާއި ސުލޫކުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.