ޝަމްއާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.
ޝަމްއާން ބަންދުކޮށްފައި ވަނީ އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ބަންދުން ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާއެކު އަތުލައިގަތް 500،000 ރުފިޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައިގައި ޝަމްއާން ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ މާޗު 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެފަހުން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ބަންދުގައި ހުންނަތާ ނުވަ މަސް ފަހުން ޝަމްއާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ.
އެ އޮފީހުން ޝަމްއާން ދޫކޮށްލަން އެދިފައިވަނީ މައްސަލައިގައި ހިމެނޭ މައިގަނޑު ހެކިންގެ ހެކިބަސް ނިމިފައިވާތީ ކަމަށްބުނެ އެވެ. އޭގެ ސަބަނުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާކަމަށް ފެންނަ ކަމަށް އެ އޮފީހުން ބުންޏެވެ.
އެ އަމުރުގައި އޭނާގެ މައްޗަށް ޝަރުތުތަކެއްވެސް ކޮށްފައިވެ އެވެ. އެގޮތުން، ގަވާއިދުން ކޯޓަށް ހާޒިރުވުމަށާއި، ހެއްކަށް ނުފޫޒު ނުފޯރުވުންފަދަ ޝަތުރުތައް ކޮށްފައިވާއިރު، ޝަމްއާންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
މި މައްސަލައާ ގުޅިގެން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ތަފާތު ދިން ދައުވާއެއް ވަނީ ކޮށްފަ އެވެ. މިހުރިހާ ދައުވާ އެއް ސާބިތުވެއްޖެނަމަ މަދުވެގެން ނުވަ އަހަރުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް އަންނާނެ އެވެ.