ރައީސްގެ ބައްދަލުވުމެއްގައި ފަނޑިޔާރު ޝުޖޫނަށް މީހަކު ކުރި ފުރައްސާރަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި

އެޗްއާރްސީއެމް އިން ބުނީ ފަނޑިޔާރު ޝުޖޫންފަދަ އިލްމީ، ގާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިމަގަށާއި ހައްގުތައް ކަށަވަރުކުރުމަށް އޮތް ހުރަހެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން --

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދަށް މީހަކު ފުރައްސާރަކޮށް ދެއްކި ވާހަކަތައް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފި އެވެ.

މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު ޝުޖޫން ބުރުގާ ނާޅުއްވައި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވާތީ އެކަމަށް ފާޑުކިޔާފައި ވަނީ ޝެއިހު އިޔާޒް އަބްދުއްލަތީފްގެ ބައްޕަ، އަބްދުއްލަތީފް އުމަރެވެ.

އޭނާ ބުނެފައި ވަނީ ބުރުގާ ނާޅާ ހުރި މީހަކު ސުޕްރީމް ކޯޓުގެ ބެންޗުގައި އިނދެގެން ނުވާނެ ކަމަށެވެ. އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އައުރަ ނިވާކުރަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ދާންޖެހޭނީ މަސާޖު ޕާލާކަހަލަ ތަންތަނަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

އެވާހަކަތަކާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ؛ "އަންހެނުންގެ ކަރާމާތާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ ވާހަކަތައް މި ކޮމިޝަނުން ކުށްވެރިކުރަން،"

އެ ބަޔާނުގައި ބުނީ، ކޮންމެ އިންސާނެއްގެ ވެސް ނަމާއި އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަދި ހަމައެއާއެކު ގާނޫނުއަސާސީގެ އިތުރުން އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށެވެ.

"އިހުތިރާމާއެކު ހިޔާލު ފާޅުކުރުމަށާއި، އަނެކާގެ އަބުރު ރައްކާތެރިވާނެ ގޮތެއްގެމަތިން ވާހަކަދެއްކުމަށް ކޮމިޝަނުން ގޮވާލަން. ހަމައެއާއެކު ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނޭ ކަމެއް،" އެ ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ ފަނޑިޔާރު ޝުޖޫންފަދަ އިލްމީ، ގާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިމަގަށާއި ހައްގުތައް ކަށަވަރުކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި މިފަދަ ފުރައްސާރައިގެ ސަބަބުން ގައުމީ ހިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

"މިފަދަ އަދި މިނޫންވެސް އާންމު މަންސަތަކުގައި، އިންސާނީ ކަރާމާތާއި އަނެކުންގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މި ބާވަތުގެ ވާހަކަތައް ނުދެއްކުމަށް، މިކޮމިޝަނުން އިލްތިމާސް ކުރަން،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.