ފުލުހުން ބުނީ އެ މައްސަލަތަކުގެ ތެރެއިން 539 މީހެއްގެ އަތުން ފޭރުނު ހުރިހާ ފައިސާއެއް ހޯދައިދީފައިވާއިރު، 143 މީހެއްގެ އަތުން ފޭރުނު ފައިސާގެ ބައެއް ހޯދައިދެވިފައިވާ ކަމަށެވެ.

އެންޓި ސްކޭމް ސެންޓަރު ގާއިމުކުރިފަހުން 1600 އަށްވުރެ ގިނަ މައްސަލައިގައި 22.7 މިލިއަންގެ ސްކޭމް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު ގާއިމުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވޭތުވެދިޔަ 10 މަސްދުވަހު ޖުމްލަ 1663 މައްސަލަ އެ ސެންޓަރަށް ވަނީ ހުށަހަޅާފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމެންޓްގެ ހެޑް، ޝާމް މުހައްމަދު ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން 539 މީހެއްގެ އަތުން ފޭރުނު ހުރިހާ ފައިސާއެއް ހޯދައިދީފައިވާއިރު 143 މީހެއްގެ އަތުން ފޭރުނު ފައިސާގެ ބައެއް ހޯދައިދެވިފައިވާ ކަމަށެވެ.
އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން؛
ޝާމް ވިދާޅުވީ އެންމެ ގިނައިން ސްކޭމް ހިންގާފައި ވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި ކަމަށެވެ. އެގޮތުން އެބާވަތުގެ 603 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ސްކޭމް ހިންގާފައި ވަނީ ވައިބާ ހެކްކޮށްގެން ކަމަށްވާއިރު، އޭގެ 527 މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވެ އެވެ.
އެންމެ ގިނައިން މީހުން ހުށަހެޅުނީ އީ-ކޮމާސްގެ ސްކޭމަށެވެ. އެގޮތުން އެފަދަ ސްކޭމްގައި ޖެހުނު 763 މީހަކު މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި ކަރަންސީ އެކްސްޗޭންޖު ކުރިއިރު ސްކޭމްގެ ޝިކާރައަކަށްވި 340 މީހުން މައްސަލަ ހުށަހަޅާފައިވެ އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މުޅި ދުނިޔޭގައިވެސް ސްކޭމް އެންމެ ބޮޑަށް އާންމުވީ ކޮވިޑް-19ގެ ދުވަސްވަރު ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ރާއްޖޭގައި ވެސް ސްކޭމްގެ މައްސަލަތައް 200 ޕަސެންޓަށް އިތުރުވެގެން ދިޔަ ކަމަށެވެ.
އޭނާ ވިދާޅުވީ 2021 ވނަ އަހަރުން ފެށިގެން ރާއްޖޭގައި އެންޓި ސްކޭމް ސެންޓަރު އުފެދުމާ ހަމައަށް 6000 އަށްވުރެ ގިނަ މީހުން ސްކޭމްގެ ޝިކާރައަކަށްވެ، 110 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރިކަވާ ކުރެވުނީ އެންމެ ދެ ފަސެންޓް ފައިސާ އެވެ.
އޭރުގެ ވަސީލަތްތައް ހުރި ގޮތުން، ސްކޭމަރުންގެ އައިޑެންޓިޓީ ހޯދިފައި ނުވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެންޓި ސްކޭމް ސެންޓަރާއެކު ފެންނަމުންދާ ނަތީޖާ ރަގަޅުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން 37 ޕަސެންޓްގެ ރިކަވަރީ ރޭޓަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރަނގަޅު ރޭޓެއް ކަމަށް ނަވީދު ވިދާޅުވި އެވެ.
"މިއީ މިހާރުގެ ދުނިޔޭގެ ހާއްސަކޮށް ކުރިއަރާފައި ހުރި 12 ގައުމެއްގެ އެންޓި ސްކޭމް ސެންޓަރުތަކުގެ ނަތީޖާތަކާ އަޅާބަލައިރު ވަރަށް ބޮޑު އިތުރުވުމެއް. އަޅުގަނޑުމެންގެ މި ނަތީޖާއާ ކިރިޔާވެސް ހަމަކުރެވޭ ހިސާބެއްގައި މިއުޅެނީ ސިންގަޕޫރު، ސިންގަޕޫރުގެ މިއަހަރު ހިސާބުތަކަކީ، ސިންގަޕޫރުން އެކަނި 1 ބިލިއަން ޑޮލަރު ފޭރިގަނެފި، ރިކަވާ ކުރެވުނީ 22 ޕަސެންޓް،" ނަވީދު ވިދާޅުވި އެވެ.
ސްކޭމްތަކަށް އަހުލުވެރި ކުރުމަށް ފުލުހުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކިއެކި ޕްރޮގްރާމުތައް ވެސް ބާއްވަމުންނެވެ. ފުލުހުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި އެންމެ ގިނައިން ސްކޭމްތަކުގައި ޖެހެނީ 25 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ.