ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 11 ތަނެއް މިއަހަރު ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އަދި އެފަދަ 6 ތަނެއްގެ ވެރިފަރާތްތަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފަ އެވެ.

މިއަހަރުގެ މިހާތަނަށް 875.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެ ޑިޕާޓްމެންޓުން ކުރާ މަސައްކަތުގެ ތެރެއިން
މިއަހަރުގެ ޖެނުވަރީ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 997 މީހަކު ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި 137 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށް، 301 މީހަކު އެންޑީއޭއާ ހަވާލުކޮށްފައިވާ ކަމަށް ފާތިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުވެސް އެ އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި، ރޭ ވެސް ހަތް ތަނެއް ބަލައިފާސްކޮށް 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއްކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައިވާ ކަމަށެވެ.