ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި | ރިޔާސީ ކެންޑިޑޭޓުގެ ވާހަކަ ދައްކަން "މާ އަވަސް"

ނަމަވެސް، ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ. 

މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު، ނަޝީދު، އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު، ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. 

މި އަހަރުގެ ތެރޭގައި، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ހަރަކާތްތައް ވެސް ވަނީ އަލުން ފެށިފަ އެވެ. 

އެމްޑީޕީގެ އޮފީހުގައި ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ނަޝީދު ވިދާޅުވީ ސޯލިހު އަކީ އެއްވެސް އިރެއްގައި "ދުރު ބޭފުޅެއް ނޫން" ކަމަށެވެ.

"އަޅުގަނޑުމެން ކުޑަކޮށް ދެބަސްވެފަ ތިއްބެއް ކަމަކު އަޅުގަނޑުގެ ހިތެއް ނުބުނޭ މާގިނަދުވަސްތަކެއް ކުރެވޭނެ އެކޭ. މާ ބޮޑު ދެބަސްވުންތަކެއްގެ ތެރެއަކު،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ސޯލިހު ވެސް ވިދާޅުވީ، ނަޝީދާއެކު އޮންނަ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށެވެ.

"އަބަދުވެސް ހުރޭ ހިޔާލުތަފާތުވުން ކަންތައްތަކުގައި، އޭގެ ތެރެއިން އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ،" ސޯލިހު ވިދާޅުވި އެވެ.

އެއާ އެކު ނޫސްވެރިން މިއަދު ވަނީ ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާމެދު ސުވާލުކޮށްފަ އެވެ.

ނަމަވެސް، ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ. 

"ރިޔާސީ އިންތިޚާބުގެ ކެންޑިޑެންސީގެ ވާހަކަ ދައްކަން އަދި މާ އަވަސް. އެހެންވީމަ އެ ވާހަކަ ބާއްވާފަ އަޅުގަނޑުމެން ކުރިއަށް ދާނީއޭ،" ސޯލިހު ވިދާޅުވި އެވެ.

ނަޝީދު ވެސް ވިދާޅުވީ، ކެންޑިޑެސީގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށާއި، އެ ވާހަކަ ދައްކަންޖެހޭ ވަގުތު ޖެހުމުން އެ ވާހަކަ ދައްކަވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.