މާލޭގައި ތަކުރާރުކޮށް ވައްކަން ކުރާ 1000 މީހުން، ގިނައިން ނަގަނީ ސައިކަލު

އަބްދުﷲ ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި ތަކުރާރުކޮށް ކުށްކުރާ ބައެއް މީހުން 128 ފަހަރު ހައްޔަރުކޮށް، 1012 ފަހަރު މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާނެ ކަމަށެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު --

މާލޭގައި ތަކުރާރުކޮށް ކުށް ކުރާ ގާތްގަނޑަކަށް 1000 މީހުން އުޅޭ ކަމަށާއި، އެންމެ ގިނައިން އެފަރާތްތަކުން ވަގަށް ނަގަނީ ސައިކަލު ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ ޕޮލިސް ސްޓޭޝަންތަކުން މިއަހަރު ކުރި މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ވައްކަން ކުރުން ގިނަވާ އެއް ސަބަބަކީ އެފަދަ ފުރުސަތުތައް ލިބޭ ގޮތަށް ރައްކާތެރި ފިޔަވަޅުތައް އަޅާފައި ނެތުން ކަމަށެވެ.

އެގޮތުން ސައިކަލުގައި ޝަޓާ ލޮކް ނުލާ ހުރުމާއި މަޑި ދަށުގައި އަގުބޮޑެތި އެއްޗެހި ބެހެއްޓުމާއި، ގޭގޭގައި ރަނގަޅަށް ތަޅު ނުލާހުރުން ހިމެނެ އެވެ.

އަނެއް ސަބަބަކީ އެ ފަރާތްތައް ބަންދުން ދޫވެފައި ތިބުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ވާހަކަ ދައްކަމުންދާކަންވެސް ފާހަގަކުރެއްވި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި ތަކުރާރުކޮށް ކުށްކުރާ ބައެއް މީހުން 128 ފަހަރު ހައްޔަރުކޮށް، 1012 ފަހަރު މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާނެ ކަމަށެވެ. އަދި 50 ފަހަރު ހައްޔަރުކޮށް، 580 ފަހަރު މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

އޭނާ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި އެންމެ ގިނައިން ހިންގަނީ ވައްކަމުގެ ކުށެވެ. އެގޮތުން އެ މައްސަލަތަކުގެ 41 ޕަސެންޓަކީ ވައްކަމުގެ އެކި މައްސަލަތަކެވެ. އޭގެ ތެރޭގައި؛

  •  67.9 ޕަސެންޓަކީ ސައިކަލު ވައްކަން
  •  23 ޕަސެންޓަކީ މޯބައިލް ފޯނުގެ ވައްކަން
  •  1.26 ޕަސެންޓް އިލެކްޓްރޯނިކްސްގެ ވައްކަން

އަބްދުﷲ ރަޝީދު ވިދާޅުވީ ވަގަށް ނަގާ ސައިކަލު ރިކަވާ ކޮށްދިނުމަކީ ފުލުހުން ވަރަށް ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މިއަހަރު 967 ސައިކަލު ގެއްލިފައިވާއިރު، އޭގެތެރެއިން 865 ސައިކަލު ހޯދައިދީފައިވާ ކަމަށެވެ. އެއީ ގެއްލުނު ސައިކަލުގެ 89 ޕަސެންޓެވެ. އަގަށް ބަލާއިރު 47 މިލިއަން ރުފިޔާ ރިކަވާ ކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި މުޅި ޖުމްލަ އެކިއެކި ވައްކަމާ ގުޅިގެން 50 މިލިއަން ރުފިޔާ މިއަހަރު ރިކަވާ ކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

  • ވައްކަމުގެ މައްސަލަތައް
  •  2023: 2879 މައްސަލަ - 52 މައްސަލަ ޕީޖީ ކޮށްފައި
  •  2024: 2899 މައްސަލަ - 69 މައްސަލަ ޕީޖީ ކޮށްފައި
  •  2025: 2230 މައްސަލަ - 107 މައްސަލަ ޕީޖީ ކޮށްފައި
ފުލުހުންގެ އިލްތިމާސް - ސައިކަލު ރަނގަޅަށް ތަޅުލާފައި ބެހެއްޓުމާއި މަޑިދަށުގައި އަގުބޮޑެތި ތަކެތި ނުބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. އަދި ގިނަދުވަހު ރަށުން ބޭރަށް ދާނަމަ، ރައްޓެއްސަކު ކައިރީ ސައިކަލަށް ބަލާލަން ބުނުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި، ރަށުން ބޭރަށް ދާއިރު ރަނގަޅަށް ގޭގޭގެ ދޮރު ތަޅުލުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.