ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖެނުވަރީ 1، 2026 އިން ފެށިގެން ގަރާޖު ހުއްދައާ ނުލައި އުޅަނދުތައް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.

ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި މިހާރު މާލެ ސިޓީ ކައުންސިލް އަދި އެޗްޑީސީ އިން ދޫކުރަމުންދާ އުޅަނދު ގަރާޖުކުރުމުގެ ހުއްދައާ ނުލައި އުޅަނދު ރަޖިސްޓްރީ ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖެނުވަރީ 1، 2026 އިން ފެށިގެން ގަރާޖު ހުއްދައާ ނުލައި އުޅަނދުތައް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ. އެގޮތަށް ނިންމީ އުޅަނދުގެ ރަޖިސްޓްރޭޝަން މަރުހަލާގައި ބޭނުންވާ ގަރާޖު ހުއްދަ ނެގުމުގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
އެގޮތުން، ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ދެން ހުށަހަޅަން ޖެހޭނީ އުޅަނދު ބޭއްވުމަށް ބޭނުންކުރާ ތަނަކީ ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން އަންގައިދޭ ލިޔުމަކާއި، ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެއްކަމުގެ ލިޔުމެއް އެކަނި އެކަންޏެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، ގަރާޖު ލާޒިމްކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި، ގަރާޖު ލާޒިމްކުރި ފަހުންވެސް ސައްހަ ގަރާޖަކާ ނުލައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި، އިތުރު ގަރާޖު ލިޔުމަކާ ނުލައި އެ އުޅަނދު މިހާރު ރަޖިސްޓްރީކޮށްފައިވާ ޒޯނުގެ ތެރޭގައި ވެރިފަރާތް ބަދަލު ކުރެވޭނެ ކަމަށެވެ.
އަދި ސައްސަ ގަރާޖަކާއެކު ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްނަމަ އެ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ގަރާޖުގައި އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެއްކަމުގެ ލިޔުމާއެކު އެ އުޅަނދުގެ ވެރިފަރާތް ބަދަލުކުރެވޭ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން ބާވެ، ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވާ އުޅަނދުތަކަށް އަރާފައިވާ އަހަރީ ފީތަކާއި ޖޫރިމަނާތައް ދައްކާ ނިންމުމުން ނޫނީ ރަޖިސްޓްރީ ބާތިލު ނުކުރެވޭ ގޮތަށް އޮތްއޮތުން ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން އެ ފީތައް ނުދެއްކިޔަސް އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށްދޭ ގޮތަށް ވަނީ ނިންމާފަ އެވެ.