އެމްއޭސީއެލުން ބުނީ، މި އަހަރުގެ މިނިވަން ދުވަހު ހުޅުވައި، ބޭނުންކުރަން ފެށި ޓާމިނަލުން، މިދިޔަ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން މިހާތަނަށް ހިދުމަތް ދިން ފަސިންޖަރުންގެ އަދަދު ބައި މިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލުން ބުނީ، މި އަހަރުގެ މިނިވަން ދުވަހު ހުޅުވައި، ބޭނުންކުރަން ފެށި ޓާމިނަލުން، މިދިޔަ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އޭގެތެރޭގައި، ރާއްޖޭން ފުރި 252،000 ފަސިންޖަރުންނަށާއި ރާއްޖެ އައި 255،000 ފަސިންޖަރުން ހިމެނެ އެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި، އާ ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަަށް ހިދުމަތް ދީފައި ވަނީ އިއްޔެ އެވެ. މިގޮތުން، އިއްޔެ ހިދުމަތް ދިން 19،000 ފަސިންޖަރުންގެ ތެރޭގައި، ރާއްޖޭން ފުރި 8،600 ފަސިންޖަރުންނާއި ރާއްޖެ އައި 10،800 ފަސިންޖަރުން ހިމެނެ އެވެ.
ޖުލައި 26ގައި ޓާމިނަލް ހުޅުވުމަށްފަހު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ދޭ ހިދުމަތް މަޑުމަޑުން ދަނީ އާ ޓާމިނަލަށް ބަދަލުކުރަމުންނެވެ. މިގޮތުން، މިހާތަނަށް ތަފާތު 37 އެއާލަނަކަށް އާ ޓާމިނަލުން ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.