އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ރެޑް އެލާޓު ނެރޭއިރު، ވައިގެ ނުސާފުކަން މިހާރު ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގަ އެވެ.

އާންމުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެ ސަރަހައްދުގައި މިއަދު ވައިނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 170 ގަ އެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ރެޑް އެލާޓު ނެރޭއިރު، ވައިގެ ނުސާފުކަން މިހާރު ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގަ އެވެ.
ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނެރެފައިވާ އިރުޝާދުތަކުގައި، ވައި ނުސާފުވާ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގެ ރައްކާތެރި މާސްކު އެޅުން ހިމެނެ އެވެ.
އަދި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ތުއްތު ކުދިން ވައި ނުސާފު ވަގުތުތަކުގައި ބޭރަށް ނުނެރުމަށް އެޗްޕީއޭގެ އިރުޝާދުގައިވެ އެވެ.
އަދި އެފަދަ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމެވެ.