ރިސްކް ޗެމްޕިއަނުންނަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް އޮނިގަނޑު ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ، ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެއް.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ ހޭލުންތެރިކުރުވުމުގެ ސެޝަނެއް މިއަދު ބާއްވައިފި އެވެ.
މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް މި ސެޝަން ނަގައި ދެއްވީ އެސިސްޓަންޓް އޮޑިޓާ ޖެނެރަލް އިބްރާހީމް ފަޒީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު (ސީ.އާރް.އޯ) އިބްރާހީމް ރަޝީދު ވިދާޅުވީ ޕޯޓްތަކަކީ އެންމެ "ހައި ރިސްކް" މަސައްކަތުގެ މާހައުލެއް އޮތް ދާއިރާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"އެހެންވީމަ އެމްޕީއެލްއަށް އެބައޮތް (އެހެން ޕޯޓުތަކަށް ކުރިމަތިނުވާ) އިތުރު ރިސްކްތަކެއް. މި ކަމަށް ރިޔާއަތްކޮށް، އަޅުގަނޑުމެން އެބަޖެހޭ މަސައްކަތްތައް ރޭވުމުގައި (ރިސްކްތަކަށް) ވަރަށް ބޮޑަށް ވިސްނަން،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް މަސައްކަތުގައި ރިސްކް ޗެމްޕިއަނުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ބައެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރިސްކް ޗެމްޕިއަނުންނަކީ ހަމައެކަނި ރިސްކް ރެޖިސްޓްރީތައް ބަލަހައްޓައި، ލިޔެކިއުންތައް ހަމަކުރާ ބައެއްގެ ގޮތުގައި ނުތިބެ، ރިސްކް އިންފްލުއެންސާސްގެ ދައުރު އަދާކޮށް، އަމަލީ ގޮތުން ރިސްކްގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ބަޔަކަށްވުން،" ރަޝީދު ވިދާޅުވި އެވެ.

ރިސްކް ޗެމްޕިއަނުންނަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް އޮނިގަނޑު ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ، ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެއް ކަމަށް އެމްޕީއެލުން ބުންޏެވެ. މިގޮތުން، އެމްޕީއެލްގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް ރިސްކް ޗެމްޕިއަނެއް ވަނީ އައްޔަންކޮށްފަ އެވެ.
މި މުވައްޒަފުންނަކީ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލައިއަންސް ޑިޕާޓްމަންޓާ ގުޅިގެން، ކުންފުނީގައި ރިސްކް މެނޭޖްކުރުމަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މަސައްކަތްކުރާނެ ބައެކެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކުންވެސް ކުރަމުންދާ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ، ރިސްކްތައް ކުޑަކުރުމަށް ރިސްކް ޗެމްޕިއަނުން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.