ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީ އެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި އަދި ގައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް މިއަދު އިފްތިތާހުކޮށްފި އެވެ.
މި ސްޓެރެޓެޖީތައް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތު ސަރުކާރުގެ ވަޒީރުންނާއި ވުޒާރާތަކުގެ އިސްވެރިންނާއި މާލީ އިދާރާތަކުގެ ވެރިންނާއި، އެމްއެމްއޭގެ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ ބައިވެރިވެފަ އެވެ.
މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ހިދުމަތްތައް ފުޅާކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަގްސަދުގައި ތައާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީ އެވެ.
އެމްއެމްއޭ އިން ބުނީ މި ދެ ސްޓްރެޓެޖީތަކަކީ ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް އިތުރުށް ފުޅާކުރުމުގެ އެޖެންޑާގެ ދަށުން އެޅިގެންދިޔަ މުހިންމު ބިންގަލެއް ކަމަށެވެ. އަދި މި ސްޓްރެޓެޖީތަކާއެކު އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްގީއަށާއި، އިޖްތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން - ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މާލީ ބައިވެރިވުމަކީ ހަމައެކަނި މާލީ ހިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެގަނެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމަ އަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި މައުލޫމާތާއި އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދާ ދިނުމަށެވެ.
އެގޮތުން، އަންހެނުންނާއި، ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ވަނީ ދީފަ އެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ.
މި ރޯޑްމެޕް އިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާއީ އަދި ދެމެހެއްޓެނިވި ތަރައްގީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިން ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ދެ ސްޓްރެޓެޖީގެ މުހިންމުކަން ފާހަގަކުރައްވައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މާލީ ނިޒާމުގެ ހަމެޖެހުން ކަށަވަރުކުރުމާއި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒުތައް ކަމަށާ ހަމަ މިއާއެކު، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް މާލީ ނިޒާމްގެ ދައުރު ފުޅާކުރުމުގެ މަސައްކަތެއް ކަަމަށެވެ.
"މާލީ ހިދުމަތްތައް ފުޅާކޮށް އަދި ފައިނޭންސް ދެމެހެއްޓެނިވި ތަރައްގީއާ ގުޅުވައިގެން، އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ކުރިއެރުމާއި، ހަރުދަނާކަމާއި، ފުރުސަތުތައް ފަހިކޮށްދޭ މައިގަނޑު ވަސީލަތެއްގެ ގޮތުގައި މާލީ ދާއިރާ ބައްޓަންކޮށްފަ،" މުނައްވަރު ވިދާޅުވި އެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އެކުލަވާލުމުގައި، ސަރުކާރުގެ ވުޒާރާތަކާއި މާލީ އިދާރާތަކާއި ކަމާބެހޭ ބައިނަލްއަގުވާމީ އިދާރާތަކުން ވެދެއްވި އެހީތެރިކަމަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.