ޓޫރިޒަމަށް ރެކޯޑް ދުވަހެއް އައިއިރު މިހާތަނަށް ރާއްޖެއަށް ވަނީ 2,157,341 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް މިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހުގެ ގޮތުގައި އިއްޔެ 9,040 ޓޫރިސްޓުންނަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.
އާ އަހަރުގެ ބަންދާއި ޔޫރަޕުގެ ބޮޑު ބަންދާ ދިމާކޮށް އިއްޔެ ރާއްޖެއަށް 9,040 ޓޫރިސްޓުން އައިސްފައިވެ އެވެ. އިއްޔެ ވަނީ ގިނަ އަދަދެއްގެ ފްލައިޓް ރާއްޖެ އަށް ޖައްސާފަ އެވެ. އަދި އިއްޔެ ވެފައިވަނީ މިފަހުން ރާއްޖެއަށް އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި ޓޫރިސްޓުން އައި ދުވަހަށެވެ.
ޓޫރިޒަމަށް ރެކޯޑް ދުވަހެއް އައިއިރު މިހާތަނަށް ރާއްޖެއަށް ވަނީ 2,157,341 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,959,699 ޓޫރިސްޓުންނާ އަޅާ ބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ. ސަރުކާރުން ވަނީ މި އަދަދު 2.3 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ބުނެފަ އެވެ. މި އަދަދު ހަމަވާން އަދި ބާކީ 142,659 ޓޫރިސްޓުން ބޭނުންވެ އެވެ. މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6,094 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ.
މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކަމަށް ދައްކަނީ ޗައިނާ އެވެ. އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 15 ޕަސެންޓް ހިއްސާއެއް ވެ އެވެ. އަދި ދެވަަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ރަޝިއާ އެވެ. އެ ގައުމުގެ ހިއްސާއަކީ 12 ޕަސެންޓެވެ.