ރިޓަޔާ ކުރެއްވުމަށްފަހު ދައުލަތުގެ މަގާމުތަކަށް އައްޔަނުކުރާ ބޭފުޅުންގެ އެލަވަންސް މެދުކަނޑާލަނީ

"ރިޓަޔާޑު ބޭފުޅުންނަށް ރިޓަޔާޑު އެލަވަންސް ލިބި އަދި މަގާމަކަށް އައިމަ މުސާރަ ލިބި، ހަރަދު ބޮޑޭވަނީ. މިއީ ރަނގަޅު ވާހަކައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އެކި މުއައްސަސާތަކުގައި ހިދުމަތްކުރައްވާ ބޭފުޅުން ރިޓަޔާކުރެއްވުމަށްފަހު، ދައުލަތުގެ އިސް މަގާމުތަކަށް އައްޔަނުކުރުމުން، އެ މުއްދަތުގައި ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތް ހަދަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން، ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުން ފައްޓަވަމުން ރައީސް ވިދާޅުވީ، ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް ސިފައިންނާއި ފުލުހުންނަށް ހިދުމަތް ކުރައްވާފައިވާ ރިޓަޔާޑް ގިނަ ބޭފުޅުންތަކުން އައްޔަނުކުރެއްވުމުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ. 

އެފަދަ ބޭފުޅުން އައްޔަނުކުރެއްވީ، އެ ބޭފުޅުންނަކީ އަހުލާގީ ގޮތުން ރަނގަޅު، ހިންގުންތެރި އަދި ނަޒާހާތްތެރި ބޭފުޅުން ކަމަށާއި، ބޭނުންފުޅުވީ ފަސް ބައި ސާފު ބޭފުޅުން ދައުލަތް ހިންގުމުގައި ބައިވެރިކުރުވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، ރިޓަޔަމަންޓް އެލަވަންސް މިހާރުވެސް ލިބިވަޑައިގަންނަވާ އެފަދަ ބޭފުޅުން، އަލުން އިސް މަގާމުތަކަށް އައްޔަނުކުރުމުން، އިތުރު މުސާރައެއް ލިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"ރިޓަޔާޑު ބޭފުޅުންނަށް ރިޓަޔާޑު އެލަވަންސް ލިބި އަދި މަގާމަކަށް އައިމަ މުސާރަ ލިބި، ހަރަދު ބޮޑޭވަނީ. މިއީ ރަނގަޅު ވާހަކައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. 

އެކަމަށް ހައްލެއް ގެނައުމަށް، ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކޮށް، ގެޒެޓް ކުރުމަށް އަންގަވާފައިވާ ކަން ރައީސް ހާމަކުރެއްވި އެވެ.

މީގެއިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަގާމުތަކަށް އައްޔަންކުރުން ނުވަތަ މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އިންތިހާބުކޮށްފި ނަމަ، އެ މުއްދަތަކަށް ރިޓަޔާމަންޓް އެލަވަންސް މެދުކަނޑާލަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.