އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ތާރީހު އަވަސްކޮށް، ޖެނުއަރީ 16ގައި ޕްރައިމަރީ ބާއްވަން ނިންމައިފަ އެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ތާވަލުކޮށްފައިވާ ޕްރައިމަރީ އެ ޕާޓީން އަވަސްކޮށްފި އެވެ.
އެމްޑީޕީން ކުރިން ނިންމާފައި އޮތީ، އިންތިހާބުގެ ޕްރައިމަރީ އަންނަ ޖެނުއަރީ 30ގައި ބާއްވާ ގޮތަށެވެ. ނަމަވެސް، އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ތާރީހު އަވަސްކޮށް، ޖެނުއަރީ 16ގައި ޕްރައިމަރީ ބާއްވަން ނިންމައިފަ އެވެ.
ތާރީހު އަވަސްކުރީ، އެމްޑީޕީން ބުނި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ކުރިމަތިލާން އެދޭ ފޯމު ހުށަހެޅުމުގެ ތާރީޚު ޖެނުއަރީ 17އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް މައުލޫމާތު ދީފައިވާތީ އެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން ދާއިމީ ރިޕޯޓް އާންމު ކުރުމުން ޕްރައިމަރީގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ޓައިމްލައިން އާންމު ކުރާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އަދި މި ބަދަލުތަކާއެކު ޕްރައިމަރީގެ ވޯޓުލުން ޖެނުއަރީ 16 ވާ ހުކުރު ދުވަހުގެ މެންދުރު 2:30 ރޭގަނޑު 8:00 އަށް ކުރިއަށްދާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައި ވެ އެވެ.