ޖޫރިމަނާ މައާފު ކޮށްދިން ކަމުގެ ސިޓީ ވެސް މިހާރު އެފަރާތްތަކަށް އެޗްޑީސީން ވަނީ ފޮނުވާފަ އެވެ. އެ ސިޓީގައިވާ ގޮތުގައި، މައާފުކޮށްދީފައި ވަނީ ޖެނުއަރީ 1، 2024 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުން ބަރާބަރަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފުކޮށްދީފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު ބުނީ، ޖޫރިމަނާތައް މައާފުކޮށްދިނީ ކުއްޔާއި ޖޫރިމަނާ ދެކުމުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
ޖޫރިމަނާ މައާފު ކޮށްދިން ކަމުގެ ސިޓީ ވެސް މިހާރު އެފަރާތްތަކަށް އެޗްޑީސީން ވަނީ ފޮނުވާފަ އެވެ. އެ ސިޓީގައިވާ ގޮތުގައި، މައާފުކޮށްދީފައި ވަނީ ޖެނުއަރީ 1، 2024 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ އެވެ.
މައާފުކޮށްދީފައި ވަނީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާގެ ޖޫރިމަނާ އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި މިހާރު ވަނީ 3،984 ރުފިޔާއަށް ކުޑަކޮށްފަ އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000 ރުފިޔާއާއެކު ޖުމްލަ ދައްކަން ޖެހޭ ކުއްޔަކީ 4،984 ރުފިޔާ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ސަރުކާރުން މައާފުކޮށްދީފައިވެ އެވެ. ނަމަވެސް ގަވާއިދުން ކުލި ނުދައްކާ އެތައް ބަޔަކު އަދިވެސް އެ ފްލެޓްތަކުގައި އުޅެ އެވެ.