ހާޓް އޮފް މޯލްޑިވްސް މާފުށި، ޓޫރިޒަމަށް އަލަށް ތައާރަފުކުރި ކަންކަން މަދެއް ނުވާނެ

ސޮލާހު ވިދާޅުވީ އެކްސްކާޝަންގައި އަލަށް މިހާރު ކުރަމުން ގެންދާ ގިނަ ކަންތައްތަކަކީ އެންމެ ފުރަތަމަ މާފުށީ ރައްޔިތުން ކުރި ކަންތައްތަކެވެ. އަދި މިހާރު މާފުށީ ޓޫރިޒަމްގެ ސީދާ އަދި ނުސީދާ އަސަރު މުޅިރާއްޖެއަށް ކުރެ އެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވާހަކަ ދައްކަވަނީ

ދިވެހި ޓޫރިޒަމަށް 50 އަހަރުވީއިރު ކ. މާފުށިން ޓޫރިޒަމް ސިނާއަތަށް އަލަށް ތައާރަފުކުރި ކަންތައް މަދެއް ނުވާނެ ކަމަށް، މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވެއްޖެ އެވެ. 

"ހާޓް އޮފް މޯލްޑިވްސް" ނަމުގައި މާފުށި ބްރޭންޑް ތައާރަފު ކުރަން، އެ ރަށުގައި ރޭ ބޭއްވި ކުލަގަދަ ހަފުލާގައި ވާހަކަ ދައްކަވަމުން މާފުށި ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވީ މިހާރު މާފުއްޓަކީ ދެކޮޅު ޖެހޭ ހަލުވި އިގްތިސޯދެއް އޮތް ރަށެއް ކަމަށާ މިހާރު މި ވިޔަފާރިތަކުގެ ފައިދާ މުޅިރާއްޖެ އަށް ސީދާ ގޮތުންނާއި އަދި ނުސީދާ ގޮތުން ވެސް ލިބެމުންދާ ކަމަށެވެ. އަދި މާފުށިން ތައާރަފުކުރި ބައިވަރު ކަންކަން މި ދާއިރާ އިން މިހާރު މުޅި ރާއްޖޭގައި ކުރަމުން ގެންދާ ކަމަށާ، މިހާރު މާފުއްޓަށް އަންނަ ގެސްޓުން ފުވައްމުލަކު ފަދަ ދުރު ހިސާބުތަކަށް ގޮސް މިޔަރު ބަލަން ޑައިވް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ތައާރަފުކުރި ބައިވަރުކަންތައް ޓޫރިޒަމަށް 50 އަހަރު ފުރިގެންދާއިރު މަދެއް ނުވާނެ. އެކްސްކާޝަންގެ ނަމުގައި ޝާކްބޭގެ ނަމުގައި އަތޮޅުތަކުގައި ޕޮއިންޓްތައް ހަދައިގެން މިކުރަނީ މާފުށީ ރައްޔިތުން ފެށި ކަންތައްތައް. މާފުށީގައި  މިކަން ފެށީ ދެތިން މީހަކު. ޓޫރިޒަމްގެ ވިޔަފާރި ދަންނަ ދެތިން މީހެއް. އެކަމަކު މިހާރު ތަޖުރިބާހުރި އެތައް ބަޔަކު އެބަތިބި،" ސޮލާހު ވިދާޅުވި އެވެ.

މާފުށި ބްރޭންޑް ކުރުމަކީ ކެމްޕޭން ވައުދެއް

އޭނާ ވިދާޅުވީ މާފުށި ބްރޭންޑް ކުރުމަކީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރިއިރު ވައުދުވީ ކަމެއް ކަމަށާ، މިއަދު އެކަން ހާސިލްވެފައިވަނީ މާފުށީ ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ.

"އަޅުގަނޑު ކެމްޕޭންގައި ބުނިން މާފުށި ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާނެ ކަމަށް. އެހެންވެ ފުރަތަމަ މިއީ ވައުދެއް. މި މަސައްކަތް ފަށައިގެން ވިސްނީ މާފުށި ބްރޭންޑަކަށް ހަދަން ކިހިނެއް ބާއޭ ހަދާނީ؟ ބައެއް މީހުން ބުނި ވަކި އެއްޗަކަށް ފިއްތައިލީމަ އެ ނިމުނީއޭ. ނޫނީ ރަސްމިއްޔާތެއް ބާއްވާފަ ލަވައެއް ޖަހާލީމަ އެ ނިމުނީއޭ. ނަމަވެސް އަޅުގަނޑުމެން ވިސްނީ މާފުށި ބްރޭންޑް ލޯންޗް ކުރާއިރު، މި ރަށުގައި ހުރި އެއްޗެއްގެ ވާހަކަ ކިޔައިދޭން. ހުރިކަމެއް ބްރޭންޑުން ފެންނަން. އެކަން މި ފެންނަނީ،" ސޮލާހު ވިދާޅުވި އެވެ.

ސޮލާހު ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތައާރަފުވީ ސަހްސެއްގެ ގޮތުގައި މިއަދު ގިނަ ބައެއްގެ ހިތަށް ސިފަވާނީ "މާފުށި" ކަމަށާ ހާޓް އޮފް މޯލްޑިވްސް ނުވަތަ ރާއްޖޭގެ ހިތުގެގޮތުގައި ބްރޭންޑް ކުރި ސަބަބަކީ ވެސް މިއީ ކަމަށެވެ.

"މިއަދު މާފުށީގައި މި ޖަހާ ވިންދު އެކިވަރުގަ ރާއްޖޭގެ 110 ރަށުގަ އެ ދަނީ ޖަހަމުން. މި ޖަހާ ވިންދު، އެކްސްކާޝަންގެ ނަމުގަ. ސްޕްލިޓް ސްޓޭގެ ނަމުގަ. ނޫނި އައިލެންޑް ހޯޕިންގެ ނަމުގައި އަވަށްޓެރި އެތައް ރަށެއްގައި އެދަނީ ޖަހަމުން. އަޅުގަނޑުމެން ޓޫރިޒަމް މާނަކުރަނީ މާ .. ރީތި ހޮޓަލެއްގައި މާ.. ރީތި ރޫމަކާ ހިސާބަކުން ނުނިމޭ. މާފުށީ ރައްޔިތުން ފުރަތަމަ ޓޫރިޒަމް ފެށިއިރު ގެސްޓް މީހާގެ ހިތްހަމަ ޖެހުމަކީ އެންމެ 20 ޕަސެންޓް. އަނެއް 80 ޕަސެންޓް ކުރަން ޖެހުނީ ރާއްޖެ ކިޔައި ދީގެން. އެ [މާފުށީ ރައްޔިތުން] ގެ ބޭފުޅުން ހިތްމަތާއި މަސައްކަތުން،" ސޮލާހު ވިދާޅުވި އެވެ.

ސޮލާހު ވިދާޅުވީ މާފުއްޓަކީ ސަރުކާރަށް ބޮޑުތަކުން ޓެކްސް ދައްކަމުން އަންނަ ރަށެއް ކަމަށާ މިހާރު ކުނި މެނޭޖު ކުރުން ފަދަ ކަންކަން ކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް އަމިއްލައަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ މާފުށީގައި އަލަށް ހިއްކ ރަށުގައި މީހުން ދިރިއުޅޭނެ ގޮތަށް އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭން ސަރުކާރަށް ގޮވާ ލައްވާފަ އެވެ. އަދި މިއާއެކު މާފުށިން ލިބޭ ޓެކްސްގެ އަދަދު ދެގުނަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސޮލާހު ވިދާޅުވީ މި ޓޫރިޒަމް ފުޅާވެގެން ދިޔައީ ރައީސް މުހައްމަދު ނަޝީދުގެ މަސައްކަތް ތަކުން ކަމަށާ، ދެން އަންނަ ސަރުކާރަކުން ވެސް މި ވިޔަފާރީގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތް ވެގެން ދިއުމަކީ އެދޭކަމެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.