ނަސީރު ވިދާޅުވީ އެންމެ ކުޑައިރު ބައްޕަމެން އަދި ބޮޑުބޭބެމެންގެ ފަރާތުންވެސް ފެނުނީ މަސައްކަތުގައި އުޅުނު ތަކެވެ. އަދި އޭގެފަހުން ފަހުން އައި ޖީލުތަކުންވެސް ހަމަ އެގޮތަށް މަސައްކަތުގައި އުޅޭތަން ފެންނަމުންދާ ކަމަށް ނަސީރު ފާހަގަ ކުރެއްވި

މާލެއާ ކައިރީގައި މާފުށި ނޫނަސް ގިނަ ރައްތައް އެބަހުއްޓެވެ. ނަމަވެސް މާފުށި މި ވަރަށް މި ހާއަވަހަށް ގެސްޓްހައުސް ތަރައްގީ ވެގެން ބޮޑެތި ހޮޓާތައް އިތުރުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެވެ. މި ސުވާލުގެ ޖަވާބު ރޭ ދެއްވީ މި ރަށުގައި ފުރަތަމަ ގެސްޓްހައުސް ހުޅުވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އެވެ.
ހާޓް އޮފް މޯލްޑިވްސް ނުވަތަ ރާއްޖޭގެ ހިތުގެ ނަމުގައި ބްރޭންޑްކޮށް އެ ބްރޭންޑް ތައާރަފު ކުރަން ރޭ އެ ރަށުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ މާލެއާ މާދުރުނޫން ހިސާބެއްގައި ގުޅި، ގުރައިދޫ އަދި ހިންމަފުއްޓާއި ދިއްފުށީގައި ވެސް އެބައޮތް ކަމަށާ ނަމަވެސް މާފުށީގައި މި ވަރަށް ގެސްހައުސް ފުޅާވެގެން ދިޔަ ސަބަބަކީ ކޮބައި ތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެއް ކަމަށެވެ.
ނަސީރު ވިދާޅުވި ގޮތުގައި މާފުށީގައި މި ވިޔަފާރި ފުޅާވެގެން ދިއުމަކީ ސިއްރެއް ނޫން ކަމަށާ ފެންނަން އޮތީ ހަގީގަތަކީ މި ރަށުގެ ރައްޔިތުންގެ މަސައްކަތްތެރިކަމާއި ވިޔަފާރީގެ ވިސްނުމުގެ ތޫނުފިލިކަމެވެ.
"ބައިވަރު ފެކްޓާސް އެބަހުރި. އެކަމަކު މައިގަނޑު ފެކްޓާއަކީ މާފުށީ ރައްޔިތުންގެ ހީވާގިކަމާއި މުރާލިކަމާއި ކެރުން. އަދި އެންޓޮޕްރެނިއަ ސްކިލްސް ނުވަތަ އެންޓޮޕްރެނިޔަ ސްޕްރިޓް. މިއީ އަޅުގަނޑަކަށް ބައްޕަގެ ފަރާތުން ވެސް ބޮޑު ބޭބެގެ ފަރާތުން ވެސް އަދި ދާއޫދުބެ މެންނާއި ހަސަންބެމެންގެ ފަރާތުން ފެނުނީ ވަރަށް މަސައްކަތްތެރި ބައެއްގެ ގޮތުގަ. އޭގެފަހުން ފުރާވަރަށް އަރާ ހިސާބުން ފެނުނީ މި ބޭފުޅުންގެ ދަރިން ދޮންމަނިކުބެމެން އަދި އަލީ މުރުތޮލޯމެން. އަދި މިހާރު މި ފެންނަނީ ތާޑް ޖެނަރޭޝަން މި ތަންތަން ހިންގުމުގައި އުޅޭތަން. އެހެންވެ މި މާފުއްޓަކީ އެކި ޖެނެރޭޝަންތަކުގައި ވެސް މަސައްކަތްތެރި މުރާލި، ހީވާގި ބަޔަކު އުޅޭ ރަށެއް،" ނަސީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި މީގެ 50 އަހަރު ކުރިން އުފެއްދި ޓޫރިޒަމް ބްރޭންޑަކަށްވި ސަބަބަކީ ސަރުކާރުން މި ވިޔަފާރި އަށް ނުވަދެ އޮތުމުންނެވެ،
"އަޅުގަނޑުމެންނަށް ފެނުނު ސަރުކާރުން ޓޫރިޒަމް ދާއިރާއަށް ވަންނަން އުޅުމުން ވީގޮތް. މިއީ [އެމްޓީޑީސީ] އަކީ ރާއްޖޭގައި އޮތް ހަމައެކަނި ޓޫރިޒަމްގެ ފައިދާ ނުވާ ކުންފުނި. ސަރުކާރުން އަބަދު ވެސް އޮންނަން ޖެހޭނީ ވިޔަފާރި އަށް ފަހިކޮށްދޭ ބައެއްގެ ގޮތުގައި. މި ރަށުގެ މިދިޔަ ކައުންސިލްތަކުން ވެސް އެގޮތަށް މަގު ފަހިކޮށް ދިނީމަ މާފުށި ފުޅާ ވެގެން ދިޔައީ،" ނަސީރު ވިދާޅުވި އެވެ.