އެގޮތުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ އެމީހާއަށް ބަދަލުގެ ގޮތުގައި 587،466 ރުފިޔާ، 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް އިން އާންމުކުރި ޕޮންޒީ ސްކީމަކަށް އިންވެސްޓްކުރި މީހުންގެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ކުރި ދައުވާތައް އަނބުރާ ގެންގޮސްފައި ވަނިކޮށް، އިތުރު އިންވެސްޓަރަކަށް ބަދަލު ދިނުމަށް އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.
އަލްހާން ފަހުމާއީ އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހްބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮށްފައި ވަނީ ޓެކުމުގެ 39 ދައުވާ އެވެ. އެއީ ކޮންމެ މީހެއްގެ މައްޗަށް 13 ދައުވާ އެވެ.
އެހެންނަމަވެސް އެ ދައުވާތަކުގެ ޝަރީއަތް ކޯޓުގައި ހިނގަމުން ދަނިކޮށް އެ 13 މީހުންނަށް ބަދަލުދީފި ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.
"އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާކަން ކަށަވަރުވެފައިވޭ. އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުން ނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވޭ،" މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޕީޖީ އޮފީހުން ބުންޏެވެ.
ދައުވާތައް އަނބުރާ ގެންގޮސްފައި ވަނިކޮށް، ސިވިލް ކޯޓުން އަލްހާންގެ މައްޗަށް ހުކުމެއް ކުރީ ހަމަ އެ ސްކީމްގެ ދަށުން ފައިސާ ނެގި މީހަކަށް ބަދަލު ދިނުމަށެވެ. އެގޮތުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ އެމީހާއަށް ބަދަލުގެ ގޮތުގައި 587،466 ރުފިޔާ، 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކޯޓުން ކުރި ހުކުމުގައިވެ އެވެ.
އެ ފައިސާގެ ތެރޭގައި ޕޮންޒީ ސްކީމަށް އިންވެސްޓް ކުރި ފައިސާއާއި، ފައިދާއަށް ލިބޭނެ ކަމަށް ބުނި ފައިސާގެ އިތުރުން ވަކީލުފީ ވެސް ހިމެނެ އެވެ.
އަލްހާނާއި އޭނާގެ ދެ ކޮއްކޮ އެ ޝަރީއަތަށް ހާޒިރުނުވުމުން ސިވިލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ އެ މީހުންގެ ޣައިރު ހާޒިރުގަ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގަ އެވެ.