ބްރޭންޑް ލޯންޗް ކޮށްދެއްވީ ލޯކަލް ޓޫރިޒަމްގެ އުފެއްދެވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ރައީސް މުހައްމަދު ނަޝީދު އެވެ.

ހާޓް އޮފް މޯލްޑިވްސް ނުވަަތަ ރާއްޖޭގެ ހިތުގެ ގޮތުގައި މާފުށި ބްރޭންޑްކޮށް، ކުލަގަދަ ހަފުލާއެއްގައި މި ބްރޭންޑް އިފްތިތާހުކޮށްފި އެވެ.
ކ. މާފުށީގައި ރޭ ބޭއްވި ކުލަގަދަ ރަަސްމިއްޔާތެއްގައި "ހާޓް އޮފް މޯލްޑިވްސް" ބްރޭންޑް އިފްތިތާހު ކުރެއްވީ ރައީސް މުހައްމަދު ނަޝީދު އެވެ. މި ހަފުލާގައި މާފުށީގެ ގެސްޓްހައުސްތަކުގެ އިސްވެރިންނާއި މޯލްޑިވްސް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަދި ކާނި ގްރޫޕުގެ ކޯފައުންޑަރު އަބްދުﷲ ނަޝީދު އާއި މާފުށީގައި ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު އާއި މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީ ސަލްމާން ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ހަވާ އެރުވުމާއެކު ބްރޭންޑް ލޯންޗް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރައްރަށުގައި ގެސްޓްހައުސް ފުޅާ ކުރައްވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު މާފުށި އޮތް ހިސާބުން މިވަގުތު ކުރަން ޖެހޭނީ މާފުށީގެ ތަރައްގީ އަށް ފަހި ކުރަން ބޭނުންވާ މައުލޫމާތުތައް އެއް ކުރުން ކަމަށާ، މިހާރު މި ރަށަކީ ރާއްޖޭގައި އޮތް އެންމެ މުއްސަނދި އެއް ރަށް ކަމަށެވެ.

"މި ރަށުގެ ކާމިޔާބީ އަށް ވިސްނާއިރުގައި މި ރަށުން 20 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ސަރުކާރަށް ދައްކާ. މާފުށީ ކައުންސިލަށް އަހަރެއްގެ މައްޗަށް 55 މިލިއަން ރުފިޔާ ލިބޭ. މި ތަނުގައި 1500 ޓަނުގެ ފެން ކޮންމެ ދުވަހަކު ބޭނުން ކުރޭ،" ނަޝީދު ވިދާޅުވި އެވެ.
މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މާފުށި ބްރޭންޑް ކުރުމަކީ ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރިއިރު ވައުދުވީ ކަމެއް ކަމަށާ، މިއަދު އެކަން ހާސިލްވެފައިވަނީ މާފުށީ ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ.
"އަޅުގަނޑު ކެމްޕޭންގައި ބުނިން މާފުށި ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރަން ކައުންސިލްގެ ބަޖެޓުން ހަރަދު ކުރާނެ ކަމަށް. އެހެންވެ ފުރަތަމަ މިއީ ވައުދެއް. މި މަސައްކަތް ފަށައިގެން ވިސްނީ މާފުށި ބްރޭންޑަކަށް ހަދަން ކިހިނެއް ބާއޭ ހަދާނީ؟ ބައެއް މީހުން ބުނި ވަކި އެއްޗަކަށް ފިއްތައިލީމަ ނިމުނީއޭ. ނޫނީ ރަސްމިއްޔާތެއް ބާއްވާފަ ލަވައެއް ޖަހާލީމަ ނިމުނީއޭ. ނަމަވެސް އަޅުގަނޑުމެން ވިސްނީ މާފުށި ބްރޭންޑް ލޯންޗް ކުރާއިރު، މި ރަށުގައި ހުރި އެއްޗެއްގެ ވާހަކަ ކިޔައިދޭން. ހުރިކަމެއް ބްރޭންޑުން ފެންނަން. އެކަން މި ފެންނަނީ،" ސޮލާހު ވިދާޅުވި އެވެ.
ސޮލާހު ވިދާޅުވީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ރާއްޖޭގައި ތައާރަފުވީ ސަހްސެއްގެ ގޮތުގައި މިއަދު ގިނަ ބައެއްގެ ހިތަށް ސިފަވާނީ "މާފުށި" ކަމަށާ ހާޓް އޮފް މޯލްޑިވްސް ނުވަތަ ރާއްޖޭގެ ހިތުގެ ގޮތުގައި ބްރޭންޑް ކުރި ސަބަބަކީ މިއީ ކަމަށެވެ.

"މިއަދު މާފުށީގައި މި ޖަހާ ވިންދު އެކިވަރުގަ 110 ރަށުގަ އެދަނީ ޖަހަމުން. މި ޖަހާ ވިންދު، އެކްސްކާޝަންގެ ނަމުގަ. ސްޕްލިޓް ސްޓޭގެ ނަމުގަ. ނޫނި އައިލެންޑް ހޯޕިންގެ ނަމުގައި އަވަށްޓެރި އެތައް ރަށެއްގައި އެދަނީ ޖަހަމުން. އަޅުގަނޑުމެން ޓޫރިޒަމް މާނަކުރަނީ މާރީތި ހޮޓަލެއްގައި މާރީތި ރޫމަކާ ހިސާބަކުން ނުނިމޭ. މާފުށީ ރައްޔިތުން ފުރަތަމަ ޓޫރިޒަމް ފެށިއިރު ގެސްޓް މީހާގެ ހިތްހަމަ ޖެހުމަކީ އެންމެ 20 ޕަސެންޓް. އަނެއް 80 ޕަސެންޓް ކުރަން ޖެހުނީ ރާއްޖެ ކިޔައި ދީގެން،" ސޮލާހު ވިދާޅުވި އެވެ.
ސޮލާހު ވިދާޅުވީ މާފުށިން ތައާރަފުކުރި ބައިވަރު ކަންކަން މި ދާއިރާއިން މިހާރު މުޅިރާއްޖޭގައި ކުރަމުން ގެންދާ ކަމަށާ، މިހާރު މާފުއްޓަށް އަންނަ ގެސްޓުން ޏ. ފުވައްމުލަކަށް ގޮސް މިޔަރު ބަލަން ޑައިވް ކުރާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މާފުށީގައި އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަޝީރު ވަނީ މާފުށި ކުރިއަރައިގެން ދިޔަ ސަބަބުތައް ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ. މިގޮތުން އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ މާފުށީ ރައްޔިތުންގެ މަސައްކަތްތެރިކަމާއި މި މަސައްކަތް ކުރުމަށް ހުރި ފޯރި އެވެ.
"ކައިރީގައި ގުޅި ގުރައިދޫ، އާއި ހިންމަފުށިވެސް އެބަހުރި. ކީއްވެގެގެންހޭ މާފުށި ކުރިއަރައިގެން ދިޔައީ. މިކަމުގައި ބައިވެރި ފެކްޓާސް އެބަހުރި، މީގެތެރޭގައި ފާހަގަކޮށްލެވޭ އެއް ސަބަބަކީ މާފުށީ ރައްޔިތުންގެ ހީވާގި ކަމާއި ކެރުމާއި އޮންޓަޕްރެނިޔަ ސްކިލް،" ނަސީރު ވިދާޅުވި އެވެ.