މަހު ކުއްޔަށާއި ޑައުންޕޭމަންޓަށް މި ގެނެވުނު ބަދަލުތަކާ އެއްގޮތަށް، ފްލެޓުތަކުގެ އާ އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކޮށްފައިވާ 4،000 ފްލެޓަށް ދައްކަންޖެހޭ ޑައުންޕޭމަންޓުގެ އިތުރުން މަހު ކުލި ވެސް ކުޑަކޮށްދެވިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، އެފްޑީސީގެ ޑައުންޕޭމަންޓާއި މަހު ކުލި ބޮޑުކަމުގެ ޝަކުވާތައް ރައީސްއާ ވަނީ ތަކުރާރުކޮށް ހިއްސާކޮށްފަ އެވެ.
އެ ކަންބޮޑުވުންތައް ހައްލުކޮށް ދެއްވައި، ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މިރޭ ވަނީ ޑައުންޕޭމަންޓަށާއި މަހު ކުއްޔަށް ގެނައި ހެޔޮ ބަދަލުތައް އިއުލާނުކުރައްވައިފަ އެވެ.
މަހު ކުއްޔަށާއި ޑައުންޕޭމަންޓަށް މި ގެނެވުނު ބަދަލުތަކާ އެއްގޮތަށް، ފްލެޓުތަކުގެ އާ އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެފްޑީސީގެ ފްލެޓުތަކުގެ އިތުރުން ހިޔާ އަދި ވިނަރެސް ފްލެޓުތަކާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ވެސް އެ މަނިކުފާނު މިރޭ ވަނީ އިޝާރާތް ކުރައްވައި، ހައްލުތަކެއް ގެންނަވަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މިގޮތުން، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، މަހުން މަހަށް ދައްކަން ޖެހޭ މިންވަރާއި މުޅި ފްލެޓްގެ އަގާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ދެ ލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް، އެ އުނިކުރުމަށްޓަކައި ކޮށްދޭން ހުރި ކަންކަން ކޮށްދޭނަން،" އެ ދެ ލައްކަ ރުފިޔާ ބަހާލައިގެން، ހިޔާ ފްލެޓްގެ ކުލި ވަކި އަހަރެއްވުމުން ބޮޑުވާ ގޮތަށް އޮތް ނިޒާމު ކަމުނުދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ވިނަރެސް ފްލެޓު ގަތުމަށް ބީއެމްއެލް އާއި އެމްއައިބީން ލޯނު ނަގާފައިވާ ފަރާތްތަކަށް ވެސް މަހުން މަހަށް ދައްކަން ސަރުކާރުން ކަނޑައެޅި އަގާ އެއްވަރުގެ އަދަދެއް ހަމަޖެއްސުމަށްޓަކައި އެ ދެ ބޭންކާ މަޝްވަރާކޮށް، ހައްލުތަކެއް ނެރެދެއްވާނެކަމުގެ ޔަގީންކަން މިރޭގެ ބައްދަލުވުމުގައި އެ މަނިކުފާނު ދެއްވި އެވެ.