މިހާރު މިފަދަ އޮޕަރޭޝަން ހިންގަނީ ދިވެހި ސިފައިން އަމިއްލައަށް ޒަމާނީ ޑްރޯންގަ އެވެ. ނަމަވެސް މީގެ ކުރިން މިފަދަ އޮޕަރޭޝަނެއް ހިންގަން ވެއްޖެނަމަ ޖެހެނީ ކައިރި ގައުމެއްގެ ވައިގެ އެހީ ހޯދާށެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ހއ. ކެލާއާ 51 މޭލު ބޭރުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ލަންކާގެ ދެ މަސް ބޯޓު ސިފައިން އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓުތައް ހިފަހައްޓާފައި ވަނީ، ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާ އިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސާވޭލެންސް އޮޕަރޭޝަނެއްގަ އެވެ.
ލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.
ސިފައިން ޑްރޯން ބޭނުންކޮށްގެން މިދިޔަ މަހު ހިންގި ސާވޭލަންސް އޮޕަރޭޝަނެއްގައި ވެސް ވަނީ ލަންކާގެ ދެ މަސް ބޯޓު އަތުލައިގެންފަ އެވެ. އަދި މި ބޯޓުތައް ބަލައި ފާސް ކުރުމުން މިއިން މަސްތުވާތަކެތި ފެނިފައިވެ އެވެ.
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ ބާރު އަމިއްލަ އަތް މައްޗަށް ނަގަން ދިވެހި ސަރުކާރުން ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑްރޯން ގެނެސް ސިފައިން ތަމްރީންކޮށް އޮޕަރޭޝަންތައް ހިންގަން ފަށާފަ އެވެ. މި އޮޕަރޭޝަންތައް ހިންގަނީ ނ. މާފަރާއި ސ. ގަމުންނެވެ. ދާދިފަހުން ވަނީ ސ. ގަމުގައި ސިފައިންގެ ވައިގެ ބޭހެއް ވެސް ގާއިމްކޮށްފަ އެވެ. މީގެ ކުރިން މިފަދަ އޮޕަރޭޝަނެއް ހިންގަން ވެއްޖެނަމަ ޖެހެނީ ކައިރި ގައުމެއްގެ ވައިގެ އެހީ ހޯދާށެވެ.