މަސްދުވަސް ތެރޭ 509 ބިދޭސީން ޑީޕޯޓު، ހަފްތާއެއްތެރޭ ބިދޭސީންގެ ގަވާއިދާ ހިލާފު 46 ވިޔަފާރި ބަންދު

އެ އަދަދާއެކު، ވޭތުވެދިޔަ ދެ އަހަރުތެރޭގައި ރާއްޖޭން ޖުމްލަ 9677 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ވޭތުވެދިޔަ ހަފްތާއެއްތެރޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ 46 ވިޔަފާރިއެއް ބަންދުކޮށް، މަސް ދުވަހުން 509 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ ރާއްޖޭގައި އުޅެމުންދާ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވާފަ އެވެ.

އެގޮތުން އޮޕަރޭޝަން ކުރަނގީގެ ދަށުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 20،2000 ބިދޭސީންގެ މައުލޫމާތު މިހާތަނަށް ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގަޕްރިންޓް ނުދީ ތިބި 509 ބިދޭސީން ޑީޕޯޓު ކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ އަދަދާއެކު، ވޭތުވެދިޔަ ދެ އަހަރުތެރޭގައި ރާއްޖޭން ޖުމްލަ 9677 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިތުރަށް މިނިސްޓަރު ދެއްވި މައުލޫމާތުތަކުގެ ތެރޭގައި؛

  •  ހަފްތާއެއްހާ ދުވަހުން 54 މަސާޖު ޕާލާ ބަންދުކޮށްފި
  •  ހަފްތާއެއްހާ ދުވަހުން ބިދޭސީން ގަވާއިދާ ހިލާފަށް ހިންގަމުން ދިޔަ 46 ވިޔަފާރި ބަންދު
  •  1 މޭގެ ނިޔަލަށް ގަވާއިދަށް ނުވަންނަ ހުރިހާ ބިދޭސީން ޑީޕޯޓު ކުރެވޭނެ

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވައިލުމުން އެފަދަ 200 އެއްހާތަނުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެތަންތަން ބަލައިފާސްކުރަމުންދާއިރު، ރޯދަމަސް ނިމުމުގެ ކުރިން ބިދޭސީން ހިންގަމުންދާ އެފަދަ ވިޔަފާރިތަކުގެ ބޮޑު ބައެއް ބަންދު ކުރެވިގެންދާނެ ކަމަށެވެ.

ފާހަގަ ކުރެވޭ އެއް ހަގީގަތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފަދަ ވިޔަފާރިތަކުގެ ފަހަތުގައި ތިބެނީ ދިވެހިން ކަމެވެ. ނަމަވެސް އެމީހާގެ ނަމުގައި އެ ބިދޭސީ މީހާ ކުރަނީ ކޮން ވިޔަފާރިއެއްކަން ގިނަފަހަރަށް ދިވެހި މީހާއަށް ނޭންގޭކަމަށާއި، އެ ވިޔަފާރިން ހޯދާ ފައިސާގެ ބޮޑުބައެއް ބިދޭސީ މީހާގެ އެކައުންޓްގައި ރޯލްކުރާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ 

"އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވަން އެބޭފުޅުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފަ ދައުލަތުގެ އިދާރާތަކަށް އެއީ އެބޭފުޅުންގެ ވިޔަފާރިތައް ކަމަށް ފެންނަ ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައްވާށޭ. އެފަރާތްތަކުން ރާއްޖޭގެ ގާނޫނާ ހިލާފަށް އެތަނުގައި ކުރާ ކަންތައްތަކުގެ ޒިންމާ ނަންގަވަންޖެހޭނީ ތި ދިވެހި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.