ކުރިއާ ކުންފުނިތަކަށް ވަގުތުން ހައްލު | ޑެމަރޭޖު ނާރާ ވަގުތު އިތުރުކޮށް، ކްލިއަރިން 24 ގަޑިއިރަށް

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްއޭސީއެލް އާއި ކަސްޓަމްސްގެ އިސް ވެރިންނާ އެކު އެތަނުގައި އިންނަވައިގެން، އެ ޝަކުވާތަކަށް ވަގުތުން ހައްލެއް ހޯއްދަވައި، ރައީސް އިއުލާނުކުރެއްވި

ކުދި ވިޔަފާރިތަކާ އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފްރައިޓް ފޯވަޑިން އާއި ކުރިއާ ކުންފުނިތަކުން ގެންނަ މުދާ ވެލާނާ އެއާޕޯޓުން ނެރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ދެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ވަރަށް އާދޭހާ އެކު އެދުނީ، ކުދި ވިޔަފާރިތަކާ އެކު މިރޭ އެ މަނިކުފާނު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ކުންފުނިތަކުގެ ފަރާތުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ކޮންމެ ދުވަހަކު އެހާ ގިނަ މުދާ ވައިގެ މަގުން ރާއްޖެއަށް ގެންނައިރު، އެއާޕޯޓުގައި ހުންނަ އެންމެ ސްކޭން މެޝިނަކުން ކަސްޓަމްސްގެ މުވައްޒަފުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަނީ 18 ގަޑިއިރެވެ. 

ނަމަވެސް، މުދާ ރާއްޖެއަށް އަންނަތާ 80 ގަޑިއިރު ވުމާ އެކު ޑެމަރެޖު ނަގަން ފަށަ އެވެ.

"މިދިޔަ މަހު ވެސް ޑެމަރޭޖަށް އަޅުގަނޑުމެން ދެއްކިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ. ކިހިނެއްތޯ އެ ވަރުގެ ބޮޑު ޑެމަރޭޖެއް ކޮންމެ މަހަކު ދައްކަމުން ވިޔަފާރި ސަސްޓެއިން ކުރާނީ،" އެ ކުންފުނިތަކުގެ ފަރާތުން ޝަކުވާ ހިއްސާކުރި މީހާ ބުންޏެވެ.

ކުދި ވިޔަފާރިތަކާ އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް

އޭނާ ބުނި ގޮތުގައި، އެމްއޭސީއެލާއި ކަސްޓަމްސް އަދި ކަމާގުޅޭ ވުޒާރާއާ އެކި ފަހަރުމަތިން ބައްދަލުކޮށްގެން ވެސް އެކަށީގެންވާ ހައްލެއް ނުލިބިގެން އުޅޭތާ ހަތް މަސް ދުވަސްވެއްޖެ އެވެ.

މިރޭގެ ބައްދަލުވުމުގައި ވިޔަފާރިވެރިން ހިއްސާކުރި ހުރިހާ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު، ރައީސް ވާހަކަފުޅު ފެއްޓެވީވެސް ކުރިއާ ކުންފުނިތަކުން ކުރި ޝަކުވާތަކުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްއޭސީއެލް އާއި ކަސްޓަމްސްގެ އިސް ވެރިންނާ އެކު އެތަނުގައި އިންނަވައިގެން، އެ ޝަކުވާތަކަށް ވަގުތުން ހައްލެއް ހޯއްދަވައި، ރައީސް އިއުލާނުކުރެއްވި އެވެ. 

"ކްލިއާ ނުކުރާ މުދަލުން ޑެމަރޭޖު ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށްދެވޭނެ. އަދި މުދާ ކްލިއާ ކުރުމުގައި ކަސްޓަމްސް މުވައްޒަފުން ހޭދަ ކުރާ ވަގުތު 18 ގަޑިއިރުގެ ބަދަލުގައި ރައުންޑް ދަ ކްލޮކް ނޫނީ 24 ގަޑިއިރަށް ބަދަލުކޮށްދެވޭނެ،" ކަންބޮޑުވުންތަކަށް ވަގުތުން ވަގުތަށް ގެނެސްދެއްވި ހައްލުތައް ރައީސް އިއުލާނުކުރެއްވި އެވެ.

މީގެއިތުރުން، ކަނޑުމަގުން ގެންނަ މުދާ ކްލިއާ ކުރުމުގައި މިހާރު ދިމާވާ ދަތިތައް ވެސް އެމްޕީއެލްއާ އެކު މަޝްވަރާކޮށްގެން ރަނގަލު ހައްލުތަކެއް ގެނެސް ދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިރޭ ވިޔަފާރިވެރިން ހިއްސާކުރި ހުރިހާ ކަންބޮޑުވުންތައް ވެސް އަޅާނުލާ ދޫކޮށްނުލައްވާނެ ކަމަށާއި، ހަގީގީ މާނައިގައި އެ ކަންކަމަށް ރަނގަޅު ހައްލުތަކެއް ސަރުކާރުން ގެނެސްދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.