"ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކައި އެންމެ ރަނގަޅު ހައްލެއް ގެނެސްދޭނަން،" މަހު ކުލީގެ ތެރެއިން ލުޔެއް ގެންނަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓުގެ ޑައުންޕޭމަންޓަށް މި ސަރުކާރުން ލުއި ދޭނެކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
މާލޭ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ގަލޮޅުގެ ރައްޔިތުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ބައެއް މީހުން ވަނީ 4،000 ފްލެޓުގެ ޑައުންޕޭމަންޓު ބޮޑުކަމުގެ ޝަކުވާ އެ މަނިކުފާނާ ހިއްސާކޮށްފަ އެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައި އޮތީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. ޑިޕޮސިޓް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. ޑިޕޮސިޓް ދެއްކުމަށެވެ. އަދި ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާނަމަ ތިން ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9،000ރ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7،000ރ. އަށް ކުޑަކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
މިގޮތުން، އެ ފްލެޓުތައް ލިބިފައިވާ މީހުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ކަނޑައަޅާފައިވާތީ، އެއީ ގިނަ އާއިލާތަކަށް ދައްކަން އުނދަގޫ އަދަދެއްގެ ގޮތުގައި މިރޭގެ ބައްދަލުވުމުގައި ބައެއް މީހުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ ޑައުންޕޭމަންޓަށް ސަރުކާރުން ދެވޭނެ އެންމެ ބޮޑު ލުޔެއް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކައި އެންމެ ރަނގަޅު ހައްލެއް ގެނެސްދޭނަން،" މަހު ކުލީގެ ތެރެއިން ލުޔެއް ގެންނަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ވެސް ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާތައް ރައީސްއާ ހިއްސާކޮށްފަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަަލައަށް ހައްލެއް ހޯދައިދެއްވުމަކީ ސަރުކާރުން އެންމެ އިސްކަންދޭކަން ކަމުގައި ރައީސް ތަކުރާރުކުރެއްވި އެވެ.