ޓޫރިޒަމް ޕްރޮމޯޝަން ކުންފުނިން މި އަހަރުވަނީ ހަރަދު ކުޑަކޮށް އެ ކުންފުނީގެ އާމްދަނީ މަތިކޮށްފަ އެވެ. އަދި މި ކުއާޓަރުގައި ބަޖެޓު ސަޕޯޓް ލިބުނު އަދަދު މަދުވިނަމަވެސް ހަރަދުތައް މެއިންޓެއިންކޮށްފައިވާކަމަށް ދައްކަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މޫނުމަތި ކަމަށްވާ މިހާރުގެ ވިޒިޓް މޯލްޑިވްސް އަދި ކުރީގެ އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ މޫނުމަތި ރީތިކުރަން މަސައްކަތް ކުރިނަމަވެސް އެންމެ ބޮޑު ލައްގަނޑެއް އޮތް ކުންފުންޏެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ބޮޑު ކޮރަޕްޝަންގެ ތެރެއިން ޖެހުނު މި ލައްގަނޑު ފޮހެލުން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެފަހުން އެ ފޮހެލަން ދަތިވެ ޖެހުނީ ކުންފުނި "އޯވަހޯލް" ކުރާށެވެ. ކުރީގެ ނަން ވެސް ދޫކޮށްލައި އާ ފެށުމަކުން ފަށާށެވެ. އެ ކުންފުނީގެ އާ މެނޭޖުމަންޓުން މިވަނީ އެ ބަދަލު ގެނެސްފަ އެވެ. އެ ބަދަލާއެކު ގެއްލުމުގައި އޮތް ޓޫރިޒަމް ޕްރޮމޯޝަން ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް މިވަނީ ފައިދާވާން ފަށައިފި އެވެ.
ޕީސީބީ އިން ނެރުނު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރާ ހަމައަށް ބަލާނަމަ ވިޒިޓް މޯލްޑިވްސްގެ މާލީ ހާލަތު ވަނީ ބޮޑު ތަނުން ރަނގަޅުކޮށްފަ އެވެ. ސަރުކާރުން ބަޖެޓު ދީގެން ހިންގާ މި ކުންފުންޏަށް އެ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވިއިރު، ސާފު ފައިދާ ވެސް ވަނީ މައްޗަށް ޖެހިފަ އެވެ.

ވިޒިޓް މޯލްޑިވްސް އަށް މި ބަދަލު ގެނައިއިރު، އެ ކުންފުނީގެ އެސްޓަށް ވެސް ވަނީ ކުރިއެރުން ލިބިފަ އެވެ. މިގޮތުން ކުރީ އަހަރު އެސެޓް 1.46 މިލިއަން ރުފިޔާގައި ހުރިނަމަވެސް މިހާރު ހުރީ 1.49 މިލިއަން ރުފިޔާގަ އެވެ. މިއީ ދެ ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް ލޯނުގެ ނިސްބަތް ވަނީ ކުޑަ އިތުރުވުމެއް އައިސްފަ އެވެ. މި އަދަދު ވަނީ 80 މިލިއަން ރުފިޔާއިން 83 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މާލީ ރިޕޯޓުން އެނގޭ ގޮތުގައި ވިޒިޓް މޯލްޑިވްސްއަށް ސަރުކާރުން ދިން ބަޖެޓު ސަޕޯޓް ވަނީ ދަށްވެފަ އެވެ، މިދިޔަ އަހަރު ބަޖެޓު ސަޕޯޓް 38.55 މިލިއަންގައި ހުރިނަމަވެސް މި އަހަރު ހުރީ 33.05 މިލިއަން ރުފިޔާގަ އެވެ.
އެސެޓް މަތިވި ހަރަދު ކުޑަވި - ވިޒިޓް މޯލްޑިވްސްގެ ޖުމްލަ ލަޔަބިލިޓީސް (ދަރަނި) ޖުމްލަ އެސެޓްސްއަށް ވުރެ ބޮޑެވެ. ނަތީޖާއަކީ އީކުއިޓީ ނެގެޓިވްގައި ހުރުމެވެ ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެގެޓިވް އީކުއިޓީ ވަނީ ކުޑަކުރެވިފައެވެ. މިއީ ހަަރަދު ހިންގުމަށް ގެނެވިފައިވާ ބަދަލުގެ ނަތީޖާ އެވެ. މީގެ އިތުރުން މި ކުންފުނީގެ ހިންގުމަށް ގެންނަމުންދާ ހެޔޮ ބަދަލު އެނގިގެންދާ އަނެއް ނަމްބަރަކީ އެކްސްޕެންސް ޓު ރެވެނިއު ދަށް ކުރުމެވެ. މިދިޔަ އަހަރު 102 ޕަސެންޓްގައި ހުރި މި ނަމްބަރު ވަނީ 83 ޕަސެންޓަށް ދަށްކޮށްފަ އެވެ. މީގެ ދަށްކުވައިދެނީ މިއީ ހަރަދުތައް ކޮންޓްރޯލްކޮށް، އާމްދަނީގެ ކޮންމެ ރުފިޔާއަކުން ލިބޭ ފައިދާ އިތުރުވަމުން ދިއުމެވެ.