އެމީހުންގެ ފަރާތުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ގއ. މާމެންދޫގައި ގުރޫޕް މާރާމާރީއެއް ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން މަރަން ކުރި ހުކުމް ކުރި ދެމީހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
މީގެ ހަތަރު އަހަރު ކުރިން، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީގައި އުމުރުން 17 އަހަރުގެ އުދައްޔު މަރައިލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގާއި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބެނީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި އެ ރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އަށެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ހިންގި ޝަރީއަތުގައި ވަނީ އުދައްޔު މަރައިލިކަން ސާބިތު ވެފަ އެވެ.
މި މައްސަލަ ސާބިތުވެ، މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މަރަން ހުކުމް ކޮށްފައި ވަނީ މާޒިން އަދި ޝަމީމްގެ މައްޗަށެވެ. އެމީހުންގެ ފަރާތުން ވަނީ މިމަހުގެ 12 ވަނަ ދުވަހު އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކްރިމިނަލް ކޯޓުގައި އިއްވި މި މައްސަލައިގެ ހުކުމްގައި ބުނީ އުދައްޔު މަރުވި ހަމަލާ ދީފައިވަނީ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ކަމަށް ވީ ނަމަވެސް، އޭނާއާއެކު އެއް ޖަމާއަތެއްގެ ގޮތަށް އެކަކު އަނެކަކަށް ވާގިދީ އެހީތެރިކަންދޭ އުސޫލުން މާޒިންއާ ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށް ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
ނަމަވެސް ދައުވާ ލިބޭ ޝަރަފުގެ މައްޗަށް މި މަރުގައި ބައިވެރިވިކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ، އެރޭ ހިނގި މާރާމާރީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. އެ ދައުވާ އަނެއް ދެ މީހުންނަށް ވެސް އުފުލާފައިވެ އެވެ.
ޝަރަފުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ އުދައްޔުއާމެދު މާރާމާރީ ހިންގި ކަމުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ޝަރަފު އެވަގުތު އެތާ ހުރީ އޭނާ އިން ސައިކަލުގައި އުދައްޔުގެ ބޭބެ ފައިން ޖަހައި ވައްޓައިލުމުގެ ސަބަބުން ކަމަށާއި، އަދި އުދައްޔުއާ މާރާމާރީ ހިނގަމުންދިޔަ ވަގުތު އޭނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަތްކަން ހެކިތަކުން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުންޏެވެ. އެހެންކަމުން މާރާމާރީ ހިނގި ސަރަހައްދުގައި އެ ވަގުތު ޝަރަފު ހުރީ އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާގެ ސަބަބުންކަން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
ޝަރަފުގެ މައްޗަށް ސާބިތުވި މާރާމާރީ ހިންގުމުގެ ކުށުގައި އޭނާ ވަނީ ހަތް އަހަރަށް ޖަލަށްލާފަ އެވެ. އަދި މާޒިންގެ މައްޗަށް ވެސް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ޝަމީމްގެ މައްޗަށް ވެސް މާރާމާރީ ހިންގުމުގެ ދައުވާ އުފުލި އެވެ. ނަމަވެސް އެކަން އެއްވެސް ހެއްކަކުން އެނގެން ނެތުމުން، އޭނާގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.