ބަޖެޓުން ފައިސާ ޕަންޕުކޮށްގެން ހިންގާ އެސްއޯއީތަކުގެ ގެއްލުން ހުރީ 51 ޕަަސެންޓުގަ އެވެ. ނަމަވެސް އަމިއްލަޒާތުގައި ހިންގާ އެސްއޯތީތަކުގެ ސާފު ފައިދާ ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހިސާބުތައް ޕްރައިވެޓައިޒޭޝަން ބޯޑުން ބަލައި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ކުއާޓަލީ ރިޕޯޓް ވަނީ އާއްމުކޮށްފަ އެވެ. އެ ރިޕޯޓުން ފެންނަ ހަގީގަތަކީ ސަރުކާރުގައި 30 ކުންފުނި އޮތްއިރު، ދައުލަތުގެ ބަޖެޓުން ފައިސާ ޕަންޕް ކުރާ ކުންފުނިތަކަށްވުރެ ނުދީ ހިންގާ ކުންފުނިތައް ވަރުގަދަވެފައި ހިންގުން ހަރުދަނާ ކަމެވެ.
ޕީސީބީ އިން ދިރާސާ ކުރުމަށްފަހު ނެރެފައިވާ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ބަޖެޓު ސަޕޯޓް ދޭ 12 ކުންފުންޏެއް ސަރުކާރުގައި އެބައޮތެވެ. އެ ކުންފުނިތަކަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 938 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް މި އަހަރު ލިބުނު އާމްދަނީ ވަނީ 895.81 މިލިއަން ރުފިޔާއަށް ދަށްވެ، ހަތަރު ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. އަދި ސާފު ފައިދާ ވެސް ވަނީ 103.69 މިލިއަން ރުފިޔާއިން 156.32 މިލިއަން ރުފިޔާއަށް ވެއްޓި 51 ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ.
ބަޖެޓުން ކޮންމެ ދުވަހެއްގެ ހިންގުމަށް ފައިސާ ޕަންޕް ކުރަން ޖެހޭ ކުންފުނިތަކުގެ އެސެޓް ވަނީ 14.9 ބިލިއަން ރުފިޔާއިން 17.42 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މި ކުންފުނިތަކުން ނަގާފައިވާ ލޯނުކުގެ އަދަދު ވަނީ 3.20 ބިލިއަން ރުފިޔާ އިން 3.9 ބިލިއަން ރުފިޔާ އަށް އިތުރުވެ، 24 ޕަސެންޓް އިތުރުވެފަ އެވެ.
މި ކުންފުނިތަކުގެ ތެރޭން މި އަހަރު އެންމެ ބޮޑު ގެއްލުމެއްގައި އޮތީ ފެނަކަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 33.72 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އަދި އާރުޑީސީއަށް 113.73 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވި އެވެ.
އަމިއްލައަށް ހިނގާ ކުންފުނިތަކުގެ އާމްދަނީ ދަށްވިނަމަވެސް މި ކުންފުނިތަކުގެ ސާފު ފައިދާ ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. މިދިޔަ އަހަރު މި ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 12.25 ބިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 10.75 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު 1.14 ބިލިއަން ރުފިޔާ ލިބުނުނަމަވެސް މި އަހަރު ވަނީ މި އަދަދު 1.32 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
އަމިއްލަ އަށް ހިނގާ ކުންފުނިތަކުގެ ތެރޭން އެންމެ ބޮޑު ފައިދާއެއް ހޯދީ އެމްޕީއެލް އާއި އެސްޓީއޯ އަދި އެޗްޑީސީ އެވެ. އަދި މިފްކޯ އެވެ.
ބަޖެޓުން ކޮންމެ ދުވަހެއްގެ ހިންގުމަށް ފައިސާ ޕަންޕް ކުރަން ޖެހޭ ކުންފުނިތަކުގެ އެސެޓް ވަނީ 1114.25 ބިލިއަން ރުފިޔާއިން 121.13 ބިލިއަން ރުފިޔާ އަށް މަތިވެފަ އެވެ. އެންމެ އަގު ބޮޑު އެސެޓެއް އޮތީ އެޗްޑީސީގެ އެވެ. އެ ކުންފުނީގެ އެސެޓް ވެލިއު 43 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އަމިއްލައަށް ހިންގާ ކުންފުނިތަކުގެ ކުންފުނިތަކުގެ ލޯނުގެ ގޮތުގައި 31.54 ބިލިއަން ރުފިޔާ އެބަހުއްޓެވެ.