ޖުމްލަ 18 މަސް ދުވަހުގެ ޕްރޮގްރާމް ނިންމައި، މިރޭގެ ރަސްމިއްޔާތުގައި 18 ފަރާތަކުން ސެޓްފިކެޓް ހޯދިއެވެ. މީގެ ތެރެއިން 17 ފަރާތަކީ އެމްޕީއެލްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މެރިޓައިމް ދާއިރާއަށް މީހުން ތަމްރީމް ކުރާ އިންސްޓިޓިއުޓް، ޕޯޓް ޓްރެއިނިން ސެންޓަރު (ޕީ.ޓީ.ސީ)ގެ ދިރާސީ އަހަރު ނިމުން ފާހަގަ ކުރުން ރޭ ވަނީ ބާއްވާފަ އެވެ. މި ހަފުލާގައި ދިވެހި އެތައް ކުދިންނެއް މި ދާއިރާއިން ތަމްރީން ނުކުތްއިރު، މުޅި ކޯހުގެ ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ އެމް.ޕީ.އެލްގެ އެސިސްޓަންޓް މެނޭޖަރު ހައިސަމް ސައީދަށެވެ.
މީރުމާގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި އެމްޕީއެލް ގުޅިގެން ހިންގި އަންކްޓަޑް މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާއި ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރިއެވެ. އަދި މީގެ އިތުރުން 2025 ވަނަ އަހަރު އެމް.ޕީ.އެލްއިން ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ.
ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ރާއްޖޭގައި އަލުން ފެށީ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. ޖުމްލަ 18 މަސް ދުވަހުގެ ޕްރޮގްރާމް ނިންމައި، މިރޭގެ ރަސްމިއްޔާތުގައި 18 ފަރާތަކުން ސެޓްފިކެޓް ހޯދިއެވެ. މީގެ ތެރެއިން 17 ފަރާތަކީ އެމްޕީއެލްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ މުވައްޒަފެއްވެސް މި ޕްރޮގްރާމް ފުރިހަމަކުރިއެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފެވެ.

ހައިސަމް އަށް ބޭރުން ސްކޮލާޝިޕެއް - މި ޕްރޮގްރާމްގެ ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ އެމް.ޕީ.އެލްގެ އެސިސްޓަންޓް ޕްލޭނާ ހުސެއިން ޖައުފަރަށެވެ. އަދި ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ އެމްޕީއެލްގެ އެސިސްޓަންޓް މެނޭޖަރު ހައިސަމް ސައީދަށެވެ. ބެސްޓް އޯލް ރައުންޑްގެ އެވޯޑާއެކު ހައިސަމްއަށް ވަނީ ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ އިން މާސްޓާސް ޑިގްރީ ސްކޮލަރޝިޕެއް ލިބިފައެވެ. މި ދެ އެވޯޑާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓަރ ސަޢީދެވެ.
އެމްޕީއެލްއިން 2025 ވަނަ އަހަރު ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިރޭގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލްރަޙްމާން މުބާރިކެވެ. މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި 8 ފަރާތެއް ބައިވެރިވިއެވެ.
ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށްވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީން، ކެޕްޓަން މުޙައްމަދު ޒައިދެވެ.

އެމްޕީއެލް އިން ހިންގާ އެޕްރެންޓިސް އަދި އިންޓާރންޝިޕް ޕްރޮގްރާމްތަކުގެ އިންސްޓްރަކްޓަރުންނާއި އެކި ޕްރޮގްރާމްތަކުގެ ލެކްޗަރާރއިންގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް މިރޭ ވަނީ ޚާއްސަ ބެޖެއް ދީފައެވެ. މި ބެޖްތައް ހަވާލުކޮށްދެއްވީ އެމް.ޕީ.އެލްގެ ސީއީއޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެެވެ. މީގެ އިތުރުން، އެމް.ޕީ.އެލް އާއި އެމްއެންޑީއެފް ކޯސްޓް ގާޑް ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ކޯހުން އެއްވަނަ ހޯދި އެމް.ޕީ.އެލްގެ ސެކިއުރިޓީގެ މުވައްޒަފެއް ކަމަށްވާ މުޙައްމަދު ޔައީޝް ޢަލީ އަށް ވަނީ ރެކޮގްނިޝަން އެވޯޑް ދީފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރެވެ.
އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަަކީ އެމްޕީއެލްގެ މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރާ ސެންޓަރެކެވެ. އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރު އިން ކޮންމެ އަހަރަކުވެސް، އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ގިން ޕްރޮގްރާމްތަކެއް ހިންގައެވެ. އަދި ޕޯޓްގެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ.