ދައުވާކުރި 10 މީހުންގެ ތެރެއިން ދިގަލި ވަހީދާއި އާރިފް މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކޮށް ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން ޖުމްލަ 10 މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ.
ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިރޭ ބުނީ، ދިގަލި ވަޙީދާއި، ޢާރިފްގެ އިތުރުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި، ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން އެކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ދައުވާ ކަމަށެވެ.
އަދި ކަސްޓަމްގެ އިސް މުވައްޒަފު، ޒިވާރު އިސްމާއީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެކަންކަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.
ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް ކުރަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އެވެ. ދެން ތިބި، ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ޖުމްލަ 11 މީހަކަށް ދައުވާ ކުރުމަށް މިމަހުގެ ތިން ވަނަ ދުވަހު ފުލުހުން ޕީޖީއަށް ހުށަހެޅި އެވެ.
ނަމަވެސް، ދެން މި މައްސަލައިގައި ފުލުހުން ތުހުމަތުކުރާ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ފުހުންނަށް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ޕީޖީން ބުންޏެވެ.
މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕީޖީން ބުންޏެވެ.
"އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް މި އޮފީހުން ކޯޓުގައި އެދޭނަމެވެ،" ޕީޖީން ބުނެފައިވެ އެވެ.
ދައުވާކުރި 10 މީހުންގެ ތެރެއިން ދިގަލި ވަހީދާއި އާރިފް މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ވަހީދާއި އާރިފް ބަންދުން ދޫކޮށްލަން އެދުނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުން ކަމަށްވާއިރު، މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ހަސަން ޝަރުތުކޮށްފައި ދޫކޮށްލީ، އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ދައުވާ ކުރަން މުހައްމަދު ޝަރީފަކީ އެ އޮފީހަށް މައްސަލަ ހުށަހެޅިއިރު ވެސް ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާ ކޮށްފައެއް ނުވެ އެވެ.
އެހެންކަމުން މި މީހުން ފިޔަވައި ދެން ތިބި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ.