ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޑޮންގްމިން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއަރމަން، ވޮންގް ޑޮންގްމިން ދެއްވައިފި އެވެ.
ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޑޮންގްމިން މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި، އެޤައުމުގެ ރައީސް ޝީ ޖިންޕިން އަށް ޝުކުރު އަދާކުރައްވާފަ އެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ޗައިނާއިން ދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވި އެވެ.

މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ޤާއިމްކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންނެވެ. އެގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ރައީސް ވަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ޤައުމުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވޮންގް ޑޮންގްމިން، ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސް މުއިއްޒު ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ޤައުމާއި އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަންވެސް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމު ގުޅިގެން ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިސްޓަރ ވޮންގް ޑޮންގްމިން ވަނީ ދެއްވާފައެވެ.