މިއީ އޮސްޓްރޭލިއާއަށް އިއްޔެ ދިން ހަމަލާގައި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށް ދިން މުސްލިމެއްގެ ވާހަކަ އެވެ. މި ހަމަލާ އަމާޒުވީ ޔަހޫދީންގެ ފެސްޓިވަލަކަށެވެ.

މި މަންޒަރު އާއްމުކޮށް ފެންނަނީ ފިލްމްތަކުންނެވެ. އެކަަމަކު މިފަހަރު މި މަންޒަރު ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޮލަށް ފެނިފައި މިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުންނެވެ. ބަޑި ޖަހަމުން ދަނިކޮށް ފަަހަތުން ގޮސް ހަތިޔާރު އަތުލާ މަންޒަރު މީގެ ކުރިން ފެނިފައެއް ނެތެވެ. މިއީ ހަނގުރާމަތަކުގައި ވެސް އާއްމުކަމެއް ނޫނެވެ. ނަމަވެސް އިއްޔެ އޮސްޓްރޭލިއާގެ "ބޮންޑައި ބީޗުގައި" ދިން ހަމަލާގައި ހަމަލާ ދެމެދުން ދިޔަ މީހުންގެ ތެރެއިން އެކަމަށް ދިމާކޮށް ހަތިޔާރު ވަނީ އަތުލާފަ އެވެ. މި ހިތްވަރުގަދަ އަމަލު ހިންގާފައިވަނީ އޮސްޓްރޭލިއާގެ މުސްލިމެއް ކަމަށްވާ އަޙްމަދު އަލް އަޙްމަދު އެވެ. އެ ގައުމުން އެންމެންގެ ދުލު ކޮޅުގައި މިހާރު ވަނީ "އަހުމަދު" ގެ ނަމެވެ.
އޮސްޓްރޭލިިއާގެ އެންމެ މަޝްހޫރު ބީޗުގައި ކުރި އަށް ދިޔަ ޔަހޫދީންގެ ފެސްޓިވަލަށް އަމާޒުކޮށް މި ހަމަލާ ދޭން ފެށިވަގުތު އެ ސަރަހައްދުގައި ފިނިކާ ތަކެތި ވިއްކާ ފިހާރައެއްގެ ވެރިއެއް އަދި ދެ ދަރިންގެ ބައްޕައެއް ކަމަށްވާ އަޙްމަދު އަލް އަޙްމަދު ގޮސް ހުއްޓެވެ. އާއިލާއާއެކު ހުއްޓައިއި މި ހަމަލާ ދޭން ފެށުމުން އޭނާ ދުވެ ފިލީއެއް ނޫނެވެ. އޭނާ ވަނީ ހަމަލާ ދިން މީހުންނާ ކުރިމަތިލާފަ އެވެ. ހަމަލާ ދިން މީހެއްގެ ފަހަތުން ގޮސް އެމީހާގެ ހަތިޔާރާއެކު އެމީހާގެ ގައިގައި ބައްދައި ވައްޓާލާ ހަތިޔާރު އަތުލާފަ އެވެ. އެތައް ބަޔަކު މަރަމުން ދިޔަ ވަރުގަދަ ހަތިޔާރު އަޅައިގެން ހުރި މި މީހާގެ އަތުން ހަތިޔާރު އަތުލުމަށްފަހު އަހުމަދަށް އޭނާ މަރާލަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އެ ވަގުތު ވެސް އޭނާ އިސްކުރީ އިންސާނިއްޔަތު ކަމެވެ.
އެ ގައުމުގެ މީހުން އަހުމަދުގެ ނަން އެ ވަރަށް ކިޔަނީ އެހެންވެ އެވެ. އަހުމަދު ވަނީ ހަމަލާ ދިނުމުގެ ބަދަލުގައި އޭނާއަށް އެތަނުގައި އޮތް ގާބުރިއެއް އެއްލާފަ އެވެ. ނަމަވެސް ކަން ދިމާވި ގޮތުން މި ހަމަލާގައި އިތުރު ބަަޔަކު ވެސް ހިމެނެ އެވެ. އަދި އެ މީހުން ތިބީ އަހުމަދު ހަތިޔާރު އަތުލި މީހާއާ މާދުރަކު ވެސް ނޫނެވެ. ނަތީޖާއަކަށްވީ އޭނާއަށް ހަމަލާދީ ޒަހަމްކޮށްލުމެވެ. މި ހަމަލާގައި އަހުމަދު ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ.

އަހުމަދުގެ ބޮޑުބޭބެގެ ދަރިފުޅު މުސްތަފާ އެ ގައުމުގެ "7ނިއުސް އޮސްޓްރޭލިއާ" އަށް ބުނި ގޮތުގައި އަހުމަދަނީ 100 ޕަސެންޓް ބަތަލަކެވެ. އޭނާގެ އަތަށް ވަނީ ދެ ވަޒަން އަރާފައިވާ ކަމަށާ އެއް ވަޒަން އުޅަނބޮއްޓަށްވެސް އަރާފައިވާ ކަމަށެވެ.
ނިއު ސައުތު ވޭލްސްގެ ޕްރިމިއާ ކްރިސް މިނިސްޓަރު އިއްޔެ ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި އަހުމަދުގެ ހިތްވަރަށް ތަޢުރީފުކުރައްވައި ވިދާޅުވީ ހަގީގީ ބަތަލަކީ އޭނާ ކަމަށާ އަދި އޭނާގެ ހިތްވަރުގެ ސަބަބުން މިރޭ އެތައް ބައެއްގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވި އަހަރެމެންނަށް ފެނިގެން ދިޔައީ އެހެން މީހުންނަށް އެހީވުމަށްޓަކައި، އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ލައިގެން މަސައްކަތް ކުރި ބަތަލެއް ކަމަށެވެ
"މި އޮސްޓްރޭލިއާގެ ރައްޔިތަކީ ހީރޯއިން، އަދި އެމީހުންގެ ހިތްވަރުން ވަނީ ފުރާނަތަކެއް ސަލާމަތްކޮށްފައި،" އަލްބަނީޒް ވިދާޅުވި އެވެ.
މި ހަމަލާ ދީފައިވަނީ ދެބަދައިންނެވެ. ހަމަ ދިން އެކަކު ގަޔަށް ސީނުގައި ބަޑިޖަހައި ފުލުހުން ވަނީ މަރާލައިފައެވެ. އަނެއް މީހާއަށްވެސް އެކިވަރުގެ ޒަހަމް ލިބުނެވެ. އެމީހާ މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަލާގައި އޮސްޓްރޭލިއާގެ 11 މީހަކު މަރުވެ، 29 މީހަކަށް އެކިވަރުގެ ޒަހަމްވަނީ ލިބިފަ އެވެ.