ބުދަ ދުވަހުގެ ރޭ 8:30ގައި ސޯޝަލް ސެންޓަރުގައި އޮންނަ ބައްދަލުވުމަށް ރައީސްގެ ފަރާތްޕުޅުން ހީނާ ވަނީ ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވައިފަ އެވެ.

ރައްޔިތުންނާއި އެކި ދާއިރާތަކުގެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ދިވެހި ވިޔަފާރިވެރިންނާއެކު ބާއްވަވާ ބައްދަލުވުން، އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.
"މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެކެވެ،" ހީނާ ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ރޭ 8:30ގައި ސޯޝަލް ސެންޓަރުގައި އޮންނަ ބައްދަލުވުމަށް ރައީސްގެ ފަރާތްޕުޅުން ހީނާ ވަނީ ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު އަރުވައިފަ އެވެ.
ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މިހާރު އެ މަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ، ވިލިމާލޭގެ ރައްޔިތުންނާ އެވެ. އެއަށްފަހު މައްޗަންގޮޅިއާއި، މާފަންނާއި، ހެންވޭރުގެ ރައްޔިތުންނާވެސް އެ މަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ.
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުން ވަނީ އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފަ އެވެ.