މި ބަދަލާ އެކު، މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެ ކުންފުނިން ތެޔޮ ވިއްކާ އަގަށް ހެޔޮ ބަދަލެއް މިއަދުން ފެށިގެން ގެނެސް، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.90ރ. އަށް ކަމަށާއި، އާންމު ފަރާތެއް ނަމަ އެ ކުންފުނިން ތެޔޮ ވިއްކާނީ 14.43ރ. އަށް ކަމަށެވެ.
މި ބަދަލާ އެކު، މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުން އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ތިން ޓަނަށް ވުރެ މަތިން އެ ކުންފުންޏަށް މަސްކިރާ ފަރާތްތަކަށް އެވްރެޖުކޮށް 71 ލާރި ތެލުން އަގުހޮޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ އިރާދަކުރެއްވިއްޔާ އެސްޓީއޯގެ ބޭސް ރޭޓުގައި އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ފިއުލް ސްޓޭޝަން ހެދުމުގެ އިތުރަށް އެފްއެސްއެމް އާއި މިފްކޯއާ ގުޅިގެން ގެނެވުނު އެރޭޖުމަންޓެއްގެ ދަށުން މިފްކޯ އިން ސީދާ މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ދެވޭ ވަރަށް ބޮޑު ލުޔެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެއް ރަށުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމުގެ އަމަލީ މަސައްކަތް ވެސް އިއްޔެ ފަށާފައިވާ ކަމަށާއި އަންނަ މާޗް މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާނެކަމަށް ރައީސް ވިދާޅުވި އެވެ.