މި ބަދަލުގެ ސަބަބުން، ރައީސް ވިދާޅުވި ގޮތުގައި، އެއް ކިލޯ ހަމަވާ ކަޅުބިލަމަހަށް މީގެފަހުން، މިފްކޯއިން މަދުވެގެން 16ރ. ލިބޭނެ އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ގަންނަ ކަޅުބިލަމަހަށް އެންމެ މަތީ އަގު ލިބޭ މަހުގެ ބަރުދަން، 1.5 ކިލޯ އިން އެއް ކިލޯއަށް ބަދަލުކޮށް، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ.
މިފްކޯއަށް ގަންނަ ކަޅުބިލަމަހުގެ ބަރުދަން 1.5 ކިލޯއަށް ވުރެ ދަށްނަމަ، 7ރ. އަށް ގަންނަ ގަތުމާމެދު މަސްވެރިންގެ ޝަކުވާ ބޮޑެވެ. މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ރައީސް މުއިއްޒު މަސްވެރިންނާ ބައްދަލުކުރައްވަން ރ. ދުވާފަރުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ވެސް އެކަމުގެ ކަންބޮޑުވުން ބައެއް މަސްވެރިން ވަނީ ރައީސްއާ ހިއްސާކޮށްފަ އެވެ.
އެ ކަންބޮޑުވުމަށް ވަގުތުން ހައްލު ގެންނަވައި، މިރޭ އެ ރަށުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ބަދަލު އިއުލާނުކުރައްވައިފަ އެވެ.
"މިހާތަނަށް މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީއާ އެކީގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މިއަދުން ފެށިގެން ގެންނަ މައިގަނޑު އެެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބަދަލުގެ ސަބަބުން، ރައީސް ވިދާޅުވި ގޮތުގައި، އެއް ކިލޯ ހަމަވާ ކަޅުބިލަމަހަށް މީގެފަހުން، މިފްކޯއިން މަދުވެގެން 16ރ. ލިބޭނެ އެވެ.
އެއީ މާކެޓު ރޭޓުން ލިބޭނެ އެންމެ ދަށް އަގު ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"މާނައަކީ މިފްކޯއަށް އެ ދުވަހަކު 17ރ. އަށް ގަނެވެންޏާ، 18ރ. އަށް ގަނެވެންޏާ އެ ބޭފުޅުން އަދި އެއަށް ވުރެ މައްޗަށް ވެސް ގަނެވެންޏާ މިފްކޯ އިން ކަނޑައަޅާނެ އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދަށްކޮށް 16ރ. [މަސް ގަންނާނީ]،" ރައީސް ވިދާޅުވި އެވެ.
މަސް ގަންނަ ރޭޓުގެ އިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް އެ މަނިކުފާނު މިރޭ ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މިގޮތުން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި ތިން ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް މިހާރު ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.