ރައީސް ވަނީ މަސްވެރިކަމުގެ ސިނާއަތް، ހަގީގީ މާނާގައި ކުރިއަރާ ދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވެފަ

މަސްވެރިކަމުގެ ސިނާއަތާ ގުޅިގެން މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަކީ ވަގުތުތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް މެނިފެސްޓޯގައި ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށާއި، އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިގުތިސާދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް މަސައްކަތްތަކެއް ކަމަށެވެ.
އަދި، ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫއުތަކާއި، ސީދާ ދިވެހި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، މިރޭ އޮންނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އުފާވެރި ހަބަރުތަކެއް ހިއްސާކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އަދި އެއީ އިހްލާސްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަންތައްތަކެއްކަމުގެ ޔަގީންކަން ދެއްވައި، ރައީސް ވަނީ މަސްވެރިކަމުގެ ސިނާއަތް، ހަގީގީ މާނާގައި ކުރިއަރާ ދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިކަމުގެ ސިނާއަތުގައި އެކި ގޮތްގޮތުން ޝާމިލުވާ ގިނަ އަދަދެއްގެ މީހުންނާއި، މަސްވެރިންގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތައް ބައިވެރިވި މި ބައްދަލުވުމުގައި އެ ދާއިރާގެ ކަންކަމާ ބެހޭގޮތުން، އެކި ކަންކަމުގައި ހިޔާލާއި މަޝްވަރާގެ އިތުރުން، ހުރި ކަންބޮޑުވުންތައްވެސް ރައީސްއާ ވަނީ ހިއްސާކޮށްފަ އެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ހިޔާލާ މަޝްވަރާ ކަމަށާއި، މި މޭރުމުން ފާޅުކުރާ އެއްވެސް ހިޔާލާއި ދޭ މަޝްވަރާއަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫންކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.