ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކުރި މީހާ ޖަލަށް

ގަވާއިދާ ހިލާފަށް އެމްޕްލޯއިމެންޓް އެޖެންސީއެއް ހިންގަމުން ދިޔަ މައްސަލައިގައި ޖަލަށްލި ޝަހާދަތު ހުސެއިން އަކީ ހަތަރު ވޯކް ޕާމިޓެއްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އައި މީހެކެވެ.

ރާއްޖެއަށް ބިދޭސީން އެތެރެ ކުރި ޝަހާދަތު ހުސެއިން --

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާއި އަދި އާންމުންގެ ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގެ ވިޔަފާރިކޮށް، މަނީ ލޯންޑާ ކުރި ބިދޭސީއަކު ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގަވާއިދާ ހިލާފަށް އެމްޕްލޯއިމެންޓް އެޖެންސީއެއް ހިންގަމުން ދިޔަ މައްސަލައިގައި ޖަލަށްލާފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ ޝަހާދަތު ހުސެއިން އެވެ. އޭނާ އަކީ ހަތަރު ވޯކް ޕާމިޓެއްގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އައި މީހެކެވެ.

އެގޮތުން 2019 ވަނަ އަހަރުން ފެށިގެން އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ތިން ދިވެހި ރުފިޔާ އެކައުންޓާއި ތިން ޑޮލަރު އެކައުންޓް ހިމެނޭހެން ޖުމްލަ ހަ އެކައުންޓް ހުޅުވާފައިވެ އެވެ. އަދި، މި އެކައުންޓްތަކުގައި މިދިޔަ އަހަރުގެ ނިޔަލަށް އަށް މިލިއަނަށްވުރެ ގިނަ ގިނަ ފައިސާ ވަނީ ދައުރުކޮށްފަ އެވެ.

އެންމެ ފަހުން އޭނާ ވޯކް ޕާމިޓް ބަދަލުކޮށްފައި ވަނީ އޮފީސް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އޭނާއަށް ލިބޭ ކަމަށް އޮތީ 3000 ޑޮލަރެވެ. މާލޭގައި އޭނާ ދިރިއުޅެމުން ދިޔައީ 18،000 ރުފިޔާގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގަ އެވެ.

ސައްހަ ނޫން ވޯކް ޕާމިޓް ބިދޭސީންނަށް ފޮނުވައި، ބަންގްލަދޭޝްގައި އޭނާގެ ނަމުގައި ހުޅުވާފައި ހުރި ބޭންކް އެކައުންޓަކަށް ވެސް ފައިސާ ވަނީ ފައިސާ ޖަމާކޮށްފަ އެވެ. އަދި ބިދޭސީންގެ ވޯކް ވިސާ ފީގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އޭނާގެ އަމިއްލަ އެކައުންޓުން އެކްސްޕެޓް ޕޯޓަލްގެ ތެރެއިން މިލިއަނަކަށްވުރެ ގިނަ ފައިސާ ދައްކާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝަހަދާތުގެ މައްޗަށް ވަނީ ފަސް ދައުވާއެއް ކޮށްފަ އެވެ. އެއީ މަނީ ލޯންޑައިންގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ އޭ ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓްކޮށް، އިމިގްރޭޝަންގެ ވޯކް ވިސާ ހަމަޖައްސަން ބޭނުން ކުރާ އެކްސްޕެޓް ސިސްޓަމް ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ މަންދޫބެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ޝަހާދަތު ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް ކޯޓުގައި އިއުތިރާފުވެފަ އެވެ. އަދި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އޭނާގެ މައްޗަށް އައީ ލުއި އަދަބެކެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

  •  މަނީ ލޯންޑަރިންގެ ދައުވާ - ދެ އަހަރާއި ހަ މަހަށް ޖަލަށްލުމާއެކު 53،400 ރުފިޔާއިން ޖޫރިމަނާ ކުރުން
  •  ރިޝްވަތު ދިނުން - ހަ މަހަށް ޖަލަށްލުމާއެކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުން

މި މައްސަލައާ ގުޅިގެން ޝަހާދަތު ބަންދުގައި ހުންނަތާ 10 މަހާއި 17 ދުވަސްވެފައިވާތީ، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ހަތް މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ޖޫރިމަނާގެ ގޮތުގައި ޖުމްލަ 75،000 ރުފިޔާ، ހަ މަސް ތެރޭގައި ދެއްކުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.