ޖުމްލަ އާމްދަނީ % 10.6 އިތުރުވެފައިވެ އެވެ. އަދި ހަަމަމިއާއެކު ޖުމްލަ ޚަރަދު % 12.5 ކުޑަވެ، 2024 ވަނަ އަހަރު ހުރި 42.8 ބިލިއަން ރުފިޔާގެ ހަރަދު 37.4 ބިލިއަން ރުފިޔާ އަށް ދަށްވެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީއެސްޓީ އާއި ބިމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބެން ފަށައިފި އެވެ.
ފިނޭންސުން ނެރޭ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މުސާރަ ހަމަހަމަކުރުމާއި އާންމު އިންވެސްޓްމަންޓްތަކާއި، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ދައްކަށެވެ
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ނެރުނު މި ރިޕޯޓް ދައްކާ ގޮތުން ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ. ހަމަ އެ މުއްދަތުގައި، ޖުމްލަ ޚަރަދު 12.5 އިންސައްތަ ކުޑަވެ، 2024 ވަނަ އަހަރުގެ 42.8 ބިލިއަން ރުފިޔާ އިން 37.4 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޑެފިސިޓް 2024 ވަނަ އަހަރުގެ 10.4 ބިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާއަށް ކުޑަވެފައިވެއެވެ. މިއީ 84.1 އިންސައްތައިގެ ކުޑަ ވުމެކެވެ.

މި ރިޕޯޓުގައިވާ ގޮތުން ޓެކްސް އާމްދަނީ 9.3 އިންސައްތަ އިތުރުވެ، 26.8 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައިވުމެވެ. ޖުމްލަ ޖީއެސްޓީގެ އާމްދަނީ 11.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 13.2 ބިލިއަން ރުފިޔާއިން 14.8 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ ތެރެއިން، ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) 13.9 އިންސައްތަ އިތުރުވެ، 8.6 ބިލިއަން ރުފިޔާއިން 9.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖުމްލަ ޖީއެސްޓީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ޓީޖީއެސްޓީ އެވެ. މިއީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް މަތިކުރުމުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތައް ފުޅާވެފައިވާތީ ލިބިފައިވާ ކުރިއެރުމެކެވެ. ޖެނެރަލް ޖީއެސްޓީ 8.2 އިންސައްތަ އިތުރުވެ، 4.6 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.
ޓެކްސް ނޫން އާމްދަނީ 19.7 އިންސައްތަ އިތުރުވެ، މިދިޔަ އަހަރު ހުރި 7.3 ބިލިއަން ރުފިޔާއިން 8.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަރުމުދަލުގެ އާމްދަނީ އިތުރުވެފައިވުމެވެ. ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ ނުވަތަ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ 27.7 އިންސައްތަ އިތުރުވެ، މިދިޔަ އަހަރުގެ 437.2 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 558.3 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ އިތުރުން، އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބިފައިވާ އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 64.3 އިންސައްތަ އިތުރުވެ، 1.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ ރައްކާކުރަނީ ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައެވެ.
ހަރަދުގެ ބަޔަށް ބަލާއިރު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ތަންފީޒުކުރަން ފެށި ސަރުކާރުގެ ޕޭ ހާމަނައިޒްކުރުމުގެ ސިޔާސަތުގެ އަސަރު ރިކަރަންޓް ހަރަދުގެ ބައިން ފެންނަން ފަށާފައިވެ އެވެ. ޖުމްލަ މުސާރައާއި، އުޖޫރައާއި، ޕެންޝަން 7.1 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 12.5 ބިލިއަން ރުފިޔާ އިން 13.4 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މުވައްޒަފުންނާ ގުޅުންހުރި ހަރަދުތައް އިތުރުވެފައިވީ ނަމަވެސް، ބަޖެޓްގެ ޖުމްލަ ޚަރަދު މިދިޔަ އަހަރަށްވުރެ ދަށްކޮށް ހުރިކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައިވެ އެވެ. އެގޮތުން، 118.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 2.3 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ ތެރޭގައި، ފާއިތުވި ހަފްތާއާ އަޅާބަލާއިރު، ރާއްޖޭގެ މާލީ ބާޒާރުގައި އިޝޫކޮށްފައި ހުރި ދަރަނި އަނބުރާ ދެއްކުމަށް 422.1 މިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ހަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ފާހަގަކުރެވެއެވެ. ޖުމްލަ ޕީއެސްއައިޕީ ހަރަދުތައް 7.2 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި އެޚަރަދު ހުރީ 10.2 ބިލިއަން ރުފިޔާ އެވެ. ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް ކުރެވުނު އިންވެސްޓްމަންޓް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން، ސިއްޙީ ދާއިރާގައި ޕީއެސްއައިޕީ ހަރަދުތައް ވަނީ މިދިޔަ އަހަރުގެ އެމުއްދަތަށްވުރެ 2.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 111.5 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 432.3 މިލިއަން ރުފިޔާއަށް އަރާފައެވެ. އެއާއެކު، ދަތުރުފަތުރުގެ ދާއިރާގައި ޕީ.އެސް.އައި.ޕީ އިންވެސްޓްމަންޓްތައް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދާދި އެއް މިންވަރެއްގަ އެވެ.
މި ހަރަދުތަކުގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރެވުނު ފައިސާ ވެސް ވަނީ އިތުރުވެފަ އެވެ. އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ހުރި 1.3 ބިލިއަން ރުފިޔާއަށް ވުރެ 87.9 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ކުރިއަށްދާ އިންވެސްޓްމަންޓްތަކާއި އިސްލާހީ މަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ މާލީ ރިޒާވްތައް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.