ސިނގިރޭޓު ވައްކަން: އާރިފާއި ދިގަލި ވަހީދު ދޫކޮށްލައިފި

އެގޮތުން ދިގަލި ވަހީދާއި އާރިފް އަދި ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

ޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކޮށް ބަންދުކުރި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

މި މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި އެވެ. އެއީ؛

  •  މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު، މުއާޒު އަލީ
  •  އެޕޯލޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ވަހީދު (ދިގަލި)
  •  ލޮޓަސް ފިހާރަތަކުގެ ވެރިޔާ، އަހުމަދު އާރިފް (އާއްޓޭ)
  •  ކަސްޓަމްގެ އިސް މުވައްޒަފު، ޒިވާރު އިސްމާއިލް
  •  ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން
  •  ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
  •  ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް
  •  ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު
  •  މާލެ، ހ. ރުމޭނިޔާގެ، އަހުމަދު ފިރުސާން
  •  ބަންގްލަދޭޝް، މުހައްމަދު އަލަމިން މިއާ

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި 11 މީހަކަށް ދައުވާ ކުރުމަށް މިމަހުގެ ތިން ވަނަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް، އެމީހުންގެ ބަންދު މުރާޖައާކޮށްފައިވާ ކަމަށެވެ.

އެގޮތުން ދިގަލި ވަހީދާއި އާރިފް އަދި ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ހަސަން އަބްދުއްރަހުމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން، އެ އޮފީހުން އެދުނު ގޮތަށް އެމީހުން ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ވަހީދާއި އާރިފް ބަންދުން ދޫކޮށްލަން އެދުނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުން ކަމަށްވާއިރު، މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ހަސަން ޝަރުތުކޮށްފައި ދޫކޮށްލީ، އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދައުވާ ކުރަން ހުށަހެޅި ދަފްތަރު ނަންބަރު ރސ 1355 މުހައްމަދު ޝަރީފަކީ އެ އޮފީހަށް މައްސަލަ ހުށަހެޅިއިރު ވެސް ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖައާ ކޮށްފައެއް ނުވެ އެވެ.

އެހެންކަމުން މި މީހުން ފިޔަވައި ދެން ތިބި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އެމީހުންގެ ބަންދު މުރާޖައާ ނުކުރީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ އެ ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ދައުވާ ކުރުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދާ ކަމަށާއި، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭ ކަމަށްވާނަމަ އެ މީހުންގެ ބަންދު މުރާޖައާ ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.