މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ފުރުމިން ދަށްވެފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ހަފްތާތެރޭގައި ވެސް ވައި ނުސާފުވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.
މެޓް އޮފީހުން މިއަދު ބުނީ ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ފުރުމިން ދަށްވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ހަފްތާގައި ވެސް އޭގެ އަސަރު އެ ސަރަހައްދުތަކަށް ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިފަދަ ހާލަތްތަކުގެ މީގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނެރެފައިވާ އިރުޝާދުތަކުގައި ވަނީ ވައި ނުސާފުވާ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގެ ރައްކާތެރި މާސްކު އެޅުން ހިމެނެ އެވެ.
އަދި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ތުއްތު ކުދިން ވައި ނުސާފު ވަގުތުތަކުގައި ބޭރަށް ނުނެރުމަށް އެޗްޕީއޭގެ އިރުޝާދުގައިވެ އެވެ.
އަދި އެފަދަ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމެވެ.