ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ދޫކުރާނެ އެވެ. އަދި ފައިނޭންސް ކޮށްދޭނީ 80،000 އާއި 640،000 ރުފިޔާއާ ދެމެދު އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުނި، އެސްއެމްއީ ޑިޖިޓަލްއިން މެރިކަލްޗާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދޭން ހުޅުވާލައިފި އެވެ.
ހަމައެކަނި އިސްލާމިކް ޝަރިއްޔާ ހުއްދަ ކުރާ ފައިނޭންސް ދޫކުރާ، އެސްއެމްއީ ޑިޖިޓަލް އިން ބުނީ އެ ސްކީމްގެ މައިގަނޑު މަގްސަދަކީ، މެރިކަލްޗާގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެކަމުގެ ސަބަބުން، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް އެ ވިޔަފާރިއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ އެ ބޭންކުން ބުނެފައިވެ އެވެ.
މެރިކަލްޗާ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާއިންނެވެ. އަދި މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވީދާޅުވީ މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށެވެ.
"މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން. އަދި، ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް." ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.
ބަދުރުއްދީން ވިދާޅުވީ އުންމީދަކީ އެ ފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗާ ސިނާއަތް ހަރުދަނާވެ އިތުރަށް ކުރިއަރައި ތަރައްގީވެގެން ދިއުން ކަމަށެވެ.