މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ފޯރުކޮށްދޭނެ އެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް، ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން، ފިޝަރީސް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާއި އެއްގޮތްވާ ގޮތަށް 'މަހަ މަންފާ' ގެ ނަމުގައި އާ ފައިނޭންސިނގ ސްކީމެއް ތައާރަފްކޮށްފި އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ސްކީމުގެ މައިގަނޑު މަގްސަދަކީ މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން، މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެވޭނެ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި، މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް މާލީ އެހީ ވެސް ލިބޭނެ އެވެ.
މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ފޯރުކޮށްދޭނެ އެވެ. އަދި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން ހަތް އަހަރު ދުވަސް ލިބޭނެ އެވެ. މި ފައިނެނޭންސިންގަކީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް ހަ ޕަސެންޓް ރޭޓުން ދޫކުރެވޭ ފައިނޭންސްއެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން. މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއްވެސްމެ،" އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ފިޝަރީސް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ފަރުމަސްވެރިކަމުގެ ދާއިރާއިން ކުދި ވިޔަފާރިތައް އިތުރުކުރުމަށް ގިނަ ފަރާތްތަކަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.