"ސަރުކާރުގެ އަމާޒަކީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް، ފުރުސަތުތައް ފަހިކޮށްދިނުން"

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރި ސިނާއަތު އިތުރަށް ފުޅާކޮށް، ގައުމުގެ އިގުތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް މިހާރަށްވުރެ ގިނަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހިންނާ ލާމެހިފައިވާ ކަމަށެވެ.

އެ ދުވަހުއްސުރެ މިއަދާ ހަމައަށް ދިވެހިންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިންގެ މުރާލުކަމާއި ހުނަރާއި އާދަކާދައާއި ސަގާފަތް ގުޅިފައިވާ އެންމެ ފަހުރުވެރި އަދި ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަސްވެރި ސިނާއަތު އިތުރަށް ފުޅާކޮށް، ގައުމުގެ އިގުތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުން ކަމަށެވެ.

"ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުން. ގައުމުގެ އިގުތިސޯދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ. 

"މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް މި ދަންނަވަނީ، މާތްﷲގެ ތަނަވަސް ރަހުމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުއާކުރަމުން،" ރައީސްގެ ޕޯސްޓް ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.