މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ފުރަަތަމަ ފަހަރަށް އެސްއީޒެޑް ގާނޫނުގެ ދަށުން ސަސްޓެއިނަބުލް ޓައުންޝިޕުގެ ގޮތުގައި ތަަރައްގީ ކުރާ ފުރަތަމަ މަޝްރޫއަށެވެ. މި މަޝްރޫއުގެ އަގު 750 މިލިއަން ޑޮލަަރަށްވުރެ މައްޗެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން، މީގެ ދެ އަހަރު ކުރިން ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވި އެވެ. އެ ފޯރަމަށް މި ސަރުކާރުން ހިންގަން ނިންމާފައިވާ މަަޝްރޫއުތަކުގެ ޕްރޮޕޯސަލްތައް ހުށަހަޅަމުން ދިޔައިރު، ކައިރީގައި ބޭރުގެ ދެ މީހަކު ތިއްބެވެ. ބެލެވޭ ގޮތުގައި އެއީ ރާއްޖޭގައި ހުރި ފޮރިން އިންވެސްޓްމަންޓުތަކުގެ މައުލޫމާތު ހޯދަން އެ ހިސާބުން އައިސް އުޅުނު ވިޔަފާރިވެރިންގެ ބައެކެވެ. އެމީހުން އަތުގައި އޮތް ލީފްލެޓްތައް ހާވަމުން ދެއްކީ މި ވާހަކަ އެވެ. ރާއްޖެއަކީ ސަސްޓޭނަބަލް ޓޫރިޒަމްގެ ގައުމަކަށްވުމުން "ސްޓޭނަބަލް ޓައުންޝިޕް" މަޝްރޫއެއް ނުހިންގެންވީ ސަބަބެއް ކޮބައި ހެއްޔެވެ ؟ އޭގެ ބަރާބަރު ދެ އަހަރު ފަހެވެ. ސަރުކާރުން މިވަނީ ރާއްޖޭގައި ސަސްޓޭނަބަލް ޓައުންޝިޕް މަޝްރޫއެއް ހިންގަން ހުއްދަ ދީފަ އެވެ. ސުވާލަކީ މިއީ ކޮން މަޝްރޫއެއް ހެއްޔެވެ؟ ސަސްޓޭނަބަލް ޓައުންޝިޕްއަކީ ކޮބައި ހެއްޔެވެ؟
ސަސްޓެއިނަބުލް ޓައުންޝިޕްއަކީ ތިމާވެއްޓަށް އިސްކަން ދީގެން ތަރައްގީ ކުރާ ސަހަރުތަކެވެ. މި ސަހަރުތައް އިގްތިސޯދީ ގޮތުން ފުދުންތެރި ވެފައި އިޖްތިމާއީ ގޮތުން ހަމަޖެހުން އޮންނާނެ އެވެ. މިއީ ތިމާވެށީގެ މިސާލު ދައްކާނެ ބިޔަ ސަހަރު ތަކެވެ. ދިވެހި ސަރުކާރުން މިވަނީ ހާއްސަ އިނާޔަތްތަކާއެކު އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަޑް ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެއް ހިންގަން ސަރުކާރުން މިވަނީ ހުއްދަ ދީފަ އެވެ. ގާތްގަނޑަކަށް 790 މިލިޔަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއު ހިންގަން ހުއްދަ ދިނުން ވެގެން މިދަނީ ރާއްޖޭގެ ތާރީހުގައި މި ބާވަތުގެ ޕްރޮޖެކްޓަކަށް ހުއްދަ ދިން ފުރަތަމަ ފަހަރަށެވެ. މި ހުއްދަ އައިސްފައިވަނީ ހަމަ ހުރެފައެއް ނޫނެވެ. ހާއްސަ އިނާޔަތްތަކާއެކު ދެވޭ ސްޓޭނަބަލް ޓައުންޝިޕް ނުވަތަ ތިމާވެއްޓާ ރަހުމަތްތެރި އަދި ގިނަ ވަސީލަތްތަކެއް ގާއިމް ކުރަން ހުއްދަ ދިނުމުގެ ކުރީގައި ގިނަ ކަންތައްތަކެއް ވަނީ ފުރިހަމަކޮށްފަ އެވެ. ފުރަތަމަ ސަރުކާރުން ކުރިކަމަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުން މިކަން ކުރެވޭނެ ބަދަލު ގެނައުނެވެ. މި ހުއްދަ ދީފައިވަނީ މި އުސޫލުގެ ދަށުންނެވެ.
ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ މި މަޝްރޫއު ހިންގަނަނީ ނ. ދިގުގަރުލެގޫން، އާއި ދެކުނު ފަރު ނުވަތަ ފެކެނަން ފަރުގަ އެވެ. މި މަޝްރޫއު ހިންގަން ހުއްދަ ދީފައިވަނީ ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކްރިސްޓަލް ހޯލްޑިންގް ޕްރައިވެޓް ލިމޓެޑް ކުންފުންޏަށެވެ. މެދުއިރުމަތީގެ ބޮޑު މި އިންވެސްޓްމަންޓުގެ ދަށުން މި މަޝްރޫއު 2028ގެ ކުރިން އޮޕަރޭޝަނަށް އަންނާނެ އެވެ. މި ފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. މި ފަޅު ހިއްކުމުގެ މަަސައްކަތް ކުރިއަށް ގެންދަނީ ޗައިނާ ކުންފުންޏަކުންނެވެ. އެ ކުންފުނިން މިހާރުވެސް ފަޅުގެ ބޮޑުބައެއް ވަނީ ހިއްކާ ނިންމާލާފަ އެވެ.

ސަރުކާރުން ސަސްޓެއިނަބުލް ޓައުންޝިޕް މަޝްރޫއަކަށް ގޮސްފައިވަނީ މިކަމަށް ގާނޫނު ބަދަލު ގެނެސްގެންނެވެ. އެސްއީޒެޑް ގާނޫނަށް އެންމެފަހުން ގެނައި ބަދަލާއެކު، އިންވެސްޓަރުން އެޓްރެކްޓްކުރަން ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. މިގޮތުން ޓެކްސް އިޢުތިރާފު ކުރުމާއި ތަރައްގީ ކުރަން ގެންނަ މުދަލު ޑިއުޓީ މައާފު ކުރުން މި ސަހަރުގައި އެމީހުންގެ ގެދޮރު އެޅުމުގެ ބާރު ލިބިދިނުން ފަދަ ބަދަލުތައް ހިމެނެ އެވެ. މިފަދަ މަޝްރޫއުތަކަކީ 500 މިލިއަން ޑޮލަރަށްވުރެ ބޮޑެތި މަޝްރޫއުތަކެވެ.
މި މަޝްރޫއު ވެގެންދަނީ މިފަދަ ދުނިޔޭގެ އެހެން މަޝްރޫއުތައް ކަމަށްވާ ޔޫއޭއީގެ މަސްދަރު ސިޓީފަދަ ޒީރޯ-ކާބަން އަދި ޒީރޯ-ވޭސްޓް ޝަހަރެއްގެ ގޮތުގައި އިންވެސްޓްކޮށް، ޑިޒައިންކުރެވުނު ސިޓީ އާއި ފިންލޭންޑުގެ ހެލްސިންކީގެ ހުރިހާ ޚިދުމަތެއް ސްމާޓްކޮށް ދެމުން ގެންދާ ކަލަސަތަމާ ސަހަރު އަދި އެމެރިކާގެ ޕޮޓްސްޑޭމް އެގްރީހުޑް ފަދަ ބޮޑެތި ދަނޑުތަކާއެކު އެތަނުގައި ދިރިއުޅޭ މީހުންނަށް ކާނާ ފޯރުކޮށްދޭ ފަދަ ސަސްޓޭނަބަލް ސަހަރަކަށެވެ.
ރާއްޖޭގައި މި އެސްއީޒެޑް ސަސްޓެއިނަބުލް ޓައުންޝިޕްގައި ހިންގާ ފަޅަކީ ގިރާވަރު ފަޅު ހިއްކަން ފައިސާ ހޯދަން ކުރީ ސަރުކާރުން ވިއްކާލި ފަޅެކެވެ. މީގެ އެއް ފަޅަކީ 1075 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އަނެއް ފަޅުގެ ބޮޑު މިނަކީ 398 ހެކްޓަރެވެ. ކުރިން މި ފަޅު އޮތީ އިގްތިސޯދީ ގޮތުން ގައުމަށް ފައިދާ ކުރުވަނުވި މަޝްރޫއެއް ހިންގޭ ގޮތަކަށް ނޫނެވެ. ނަމަވެސް ސަރުކާރުން ވަނީ މި މަޝްރޫއު ހިންގާ ފަރާތާއެކު މަޝްވަރާކޮށް މިހާރުގެ ބަދަލު ގެނެސްފަ އެވެ. މި ބަދަލާއެކު ނޫނުގައި އުފެދިގެން ދާނީ މުޅިން އާ ޓޫރިޒަމްގެ ވަސީލަތްތަކެކެވެ.