ހައިކޯޓުން މިއަދު ބުނެފައި ވަނީ ފަނޑިޔާރު ނިޔާޒި ޝަރަފުވެރިކަމާއެކު މިއަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ނިޔާޒު ކޮށްދެއްވި އަގުހުރި ހިދުމަތަށް އެ ކޯޓުން ޝުކުރު އަދާކޮށްފައިވެ އެވެ.

ހައި ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒު މިއަދުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފި އެވެ.
ހައިކޯޓުން މިއަދު ބުނެފައި ވަނީ ފަނޑިޔާރު ނިޔާޒި ޝަރަފުވެރިކަމާއެކު މިއަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ނިޔާޒު ކޮށްދެއްވި އަގުހުރި ހިދުމަތަށް އެ ކޯޓުން ޝުކުރު އަދާކޮށްފައިވެ އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާ ވެވަޑައިގަތް ސީދާ ސަބަބު ސާފު ނުވިޔަސް، ރިޓަޔާ ކުރެއްވީ ގިނަ ދުވަހު މަސައްކަތް ކުރެއްވުމާއި ސިއްހީ ސަބަބުތަކާހުރެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ނިޔާޒު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކޮށްފައި ވަނީ ޖެނުވަރީ 25، 2018 ގައެވެ. އޭގެ ކުރިން އޭނާ ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ވެސް ކުރައްވާފައިވެ އެވެ.
ޖޭއެސްސީގެ ނާއިބު ރައީސް ކަމަށް ނިޔާޒު އައްޔަނު ކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ 22 ގައި މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވާފައި މިވަނީ ޝަރުއީ ދާއިރާގައި 23 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެވެ.