އޭނާ ހުށަހަޅުއްވާފައި ވަނީ އޭޕްރީލް 4، 2026 ގައި ބާއްވާ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަން އިންތިހާބު އޮންނާނެ ދުވަހެއް އިއުލާނު ކުރުމަށެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ފަސް ކުރުމަށް، އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާނެ ބޭފުޅަކު ހޮވުމަށް ރޭ ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ދާއިމީ ޗެއާޕާސަން ހޮވުމަށް ނަގާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ނަގަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ.
އޭނާ ހުށަހަޅުއްވާފައި ވަނީ އޭޕްރީލް 4، 2026 ގައި ބާއްވާ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަން އިންތިހާބު އޮންނާނެ ދުވަހެއް އިއުލާނު ކުރުމަށެވެ. އެހުށަހެޅުން ފާސްވެފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް ރޭ އިންތިހާބު ކޮށްފައި ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ. އޭނާ އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.
ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައި ނުވިޔަސް، އެނގިފައިވާ ގޮތުގައި އެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ބާއްވާނެކަމަށް ބެލެވޭ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވާދަކުރައްވާ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެކަމަށް ފައްޔާޒް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.