ކަޅުހޮއްކޮ ކުޑަދޮންމަނިކް (ކޭކޭއެމް) އަކީ ޕެޝަނޭޓް ވިޔަފާރިވެރި އެކެވެ. ވޯރާއިންގެ ވަކިތަކުން ސަލާމަތް މާލެ ދޫކުރައްވައި ފިއްލަދޫ އަށް ވަޑައިގެން ބޮޑު ވިޔަފާރިއެއް އުފަންކުުރވި އެވެ. މިއަދުގެ ރީފްސައިޑުގެ ފެށުމަކީމި އެވެ.

މިއަދު އަހަރެން މި އިމާރާތުގެ (ރީފްސައިޑް) ތެރޭގައި ހުއްޓަސް މީގެ 60 އެތައް އަހަރެއްގެ ކުރީގައި މިތަން އޮތީ މިހެނެއް ނޫނެވެ. މި ސަރަހައްދުގެ މާހައުލު އޮތީ މިގޮތަކަށްވެސް ނޫނެވެ. މިތަނުން މިއަދު ދިވެހި ވިޔަފާރިވެރިން ބުރަ މަސައްކަތުން ކޮޅަށް ޖެހި ބިނާތަކާއި މަސައްކަތްތައް ފެންނަން ހުއްޓަސް، އޯކިޑް މަގު، ޗާންދަނީމަގު މިކަންމަތިން އޭރު ފެންނަން އޮތީ މުޅީން އެހެން ދިރިއުޅުމެކެވެ. މުޅިރާއްޖެ އާއި ހާއްސަކޮށް ވެރިރަށް މާލޭގެ ވިޔަފާރި ކޮންޓްރޯލް ކުރަމުން ދިޔައީ އެހެން ބައެކެވެ. އިންޑިއާގެ ގުޖުރާތު ސަރަޙައްދުންނާއި ޔަމަނުން އައިސްފައިވާ "ދާވޫދީ ބޯރާ" ނަމަކަށް ކިޔާ ސުންނީ އަދި ޝީއީ ޖަމާޢަތްތަކަށް ނިސްބަތްވާ މަޝްހޫރު ވޯރާ ވިޔަފާރިވެރިންނެވެ. ރާއްޖޭގެ އިގްތިސާދާއި ވިޔަފާރި ކޮންޓްރޯލް ކުރީ އެ މީހުންނެވެ. ރާއްޖެ އަށް މުދާ އެތެރެކުރަނީ ވެސް އެ މީހުންނެވެ. ބޭރުކުރަނީ ވެސް އެ މީހުންނެވެ. ބާޒާރުގެ އަގު ކަނޑައަޅަނީ އެ މީހުންނެވެ. ދިވެހިންނަށް ލިބެނީ އެ މީހުން ދިން އެއްޗެކެވެ. ހަދަނީ ހަދާނެ ގޮތެކެވެ. މި ކަމާހުރެ ދިވެއްސަކަށް ވިޔަފާރިއެއް ކޮށްލެވޭނެ ފުރުސަތެއް ނޯވެ އެވެ. އޭރުގެ ވެރިން ތިބެނީ އެބައި މީހުންގެ ދަށުވެފައެވެ. ދިވެހިން ތިބީ ފިތިމަލަތުވެފަ އެވެ. މި ދަތިކަން ކުރިމަތިވެޑައިގަތް އެއް ބޭފުޅަކީ މިހާރު އަހަރެން ވަދެ މި ހުރި ކޭކޭއެމް ބިލްޑިން، އުފަން ކުރެއްވި އަލްމަރުހޫމް އިބްރާހިމް ގާސިމް ނުވަތަ އިހުގެ ގޮތުންނަމަ ކަޅުހޮއްކޮ ކުޑަދޮންމަނިކް (ކޭކޭއެމް) ނުވަތަ "މިސްޓަ ކޭކޭއެމް" އެވެ.
ވިޔަފާރީގެ ތޫނުފިލި މި ސިކުނޑިއަށް ވިސްނިވަޑައިގަތީ މާލޭގައި ވިޔަފާރި ކުރާށޭ ކިޔާފައި ވަގުތު ގެއްލުވާލަން އުޅުމުގެ ބަދަލުގައި އުފަން މި ބިން ދޫކޮށް އެހެން ތަނަކަށް ވަޑައިގަތުން މާބުއްދުވެރިވާނެ ކަމެވެ. އެހެންވެ ކުޑަދޮންމަނިކު މާލެ ދޫކުރައްވައި ހިޖުރަ ކުރެއްވި އެވެ. ހިތުގައި އަތް އަޅުއްވައިގެން ނަމަވެސް އުފަން ބިމުން ފައިބާވަޑައިގަތީ ވޯރާއިންގެ ދުއްތުރާތަށް އިންތިހާއަށް ބޮޑުވެގެންނެވެ.

"ބައްޕާއަކީ ވަރަށް ކެތްތެރި އަދި ދުރުވިސްނޭ ބޭފުޅެއް. އެންމެ ކުޑައިރު ހަނދާން ހުންނަން ފެށީއްސުރެން ފެށިގެން ވެސް ބުރަކޮށް މަސައްކަތް ކުރައްވާނެ. ވިސްނުންފުޅު ވަރަށް ތަފާތުވެފައި މޮޅުވާނެ،" ކުޑަދޮންމަނިކުގެ އެއް ދަރިފުޅު އަދި ރާއްޖޭގެ ވިޔަފާރީގެ މަރުކާއެއް ކަމަށްވާ ހަސަން ޒާހިރު "ރާޑޯ ޒާހިރު" އޭރުގެ ހަނދާނުން ސޮފުހާއެއް ވިދާޅުވެ ދެއްވި އެވެ.
ވޯރާއިންގެ ދަތިތަކާއި ފިއްތުންތަކާހުރެ މާލެއިން ފުރައިގެން 1946 ވަނަ އަހަރު ކުޑަދޮންމަނިކު ވަޑައިގަތީ ހއ. ފިއްލަދޫ އަށެވެ. އިހަވަންދިއްޕޮޅަށެވެ. މިއަދު ވެސް ވެރިރަށުން ބޭރަށް ވިޔަފާރިއެއް ގެންނަން ގިނަ ބަޔަކު ޖެހިލުންވެ އެވެ. އެކަމަކު މިސްޓަ ކޭކޭއެމް މީގެ 60 އަހަރު ކުރީގައި އެ ލާމަރުކަޒީ ވިސްނުން ގެންގުޅުއްވުމުން އެނގިގެން ދަނީ ރާއްޖޭގެ އިގްތިސާދުގެ ހަގީގީ ބާރުވެރިކަން ރާއްޖޭގައި ހުރި ފުރުސަތުތައް ފިސާރި ރަނގަޅަށް އޭނާއަށް އެނގިވަޑައިގެން ހުންނެވި މިންވަރެވެ. ނަމަވެސް މާލެއާ އެތައް ކިލޯމީޓަރެއްގެ ދުރަށް ވޯރާއިންގެ އަޑުމަޑު ހިސާބަކަށް ވަޑައިގެން އަތް އުރާލައްވައިގެން ކުޑަދޮންމަނިކު ހުންނެވީއެއް ނޫނެވެ. އެތަނުގައި ހުންނަވާ ދިވެހިންނަށް މިސާލު ދެއްކެވި އެވެ. މިއަދު ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ދިރާސާކޮށް ކަރުދާހެއް ލިޔަން އެންމެ އެކަށޭނަ "ބިޒްނަސް މޮޑެލް" އެއް އުފަން ކުރެއްވީ ރާއްޖެތެރޭގެ ރަށަކުންނެވެ. މިއަދުގެ "ޖެންޒީ" ޖީލުގެ ބަހުރުވައިންނަމަ "އިނޮވޭޓިވް ބިޒްނަސް" އެއް ނުވަތަ އީޖާދީ ވިޔަފާރީގެ ލެގަސީއެއް ފެއްޓެވީ ހއ. ފިއްލަދޫގަ އެވެ.

ހއ. އަތޮޅުގައި ކުޑަދޮންމަނިކު ހުންނަވާ ލަންކާ އާއި އިންޑިއާ އަށް ވަޑައިގެން ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރެއްވި އެވެ. އިތުބާރު އުފެއްދެވި އެވެ. ނަތީޖާއަކަށްވީ ފިއްލަދޫގައި ހުންނެވި ދުވަސްވަރު އަވަށްޓެރި ގައުމުތަކުން މާކެޓު ހޯއްދެވުމެވެ. މިގޮތުން މަސްވެރިކަމުގެ އުފެއްދުންތަކާއި ކާށީގެ އުފެއްދުންތައް "ކުފްރާ" އެކްސްޕޯޓް ކުރެއްވި އެވެ. އެ ދުވަސްވަރު، "ވުޒާރަތުލް ތިޖާރާ ވަލްތަމްވީން" ނުވަތަ އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ އިމްޕޯޓް ހުއްދައިން އެނގޭ ގޮތުން 1960 ވަނަ އަހަރުގެ ނިޔަލަށް 12،000ރ. އަށްވުރެ ގިނަ ރުފިޔާގެ މުދާ ބޭރު ކުރަން ކުޑަދޮންމަނިކަށް ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ. ފިއްލަދޫން ފުރަތަމަ މުދާ އެކްސްޕޯޓް ކުރެއްވީ، އޭރުގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނު (ޑީއައިކޭ) ގެ އުޅަނދެއް ކުއްޔަށް ނަންގަވައިގެންނެވެ. ނަމަވެސް ފަހުން އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލައަށް "ރަހުމަތު" ނަމަކަށް ކިޔާ އުޅަނދެއް ބަނދެގެން މުދާ އެކްސްޕޯޓް އަދި އިމްޕޯޓް ކުރަން ފެށި އެވެ.

ހއ. ފިއްލަދޫގައި އުޅުއްވަނިކޮށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ފަހި ކުރައްވަން މުހިންމު ފިޔަވަޅެއް އެޅުއްވި އެވެ. އެއީ ވޯރާ ވިޔަފާރިވެރިން ރާއްޖޭން ބޭލުމެވެ. މައިގަނޑު ސަބަބަކީ އެ މީހުންގެ އުނދަގޫ ދިވެހިންނަށް ބޮޑުވުމެވެ. އަދި އެ ދުވަސްވަރު ހުޅުލޭ އެއާޕޯޓް ހުޅުވުމާއެކު ރާއްޖެ ވިޔަފާރިވެރިންނަށް ބޭރުގެ ގައުމުތަކަށް ވިޔަފާރި ދަތުރުކޮށް މުދާ ގެނެސް ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ފަސޭހަވެގެންދިޔަ އެވެ.
އޭރުގެ ބޮޑުވަޒީރު ނާސިރުގެ މި ބަދަލު ގެނައުމާއެކު ކުޑަދޮންމަނިކު މާލެއަށް ބަދަލުވި އެވެ. އެ ދުވަސްވަރަކީ އޭރުގެ ބޮޑުވަޒީރު ނާސިރު، ދިވެހި ވިޔަފާރިވެރިންނަށް ފަހިކުރަން ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮށްދޭން ފެށި ދުވަސްވަރެވެ. އޭރުގެ ބޮޑުވަޒީރު ނާސިރު ވަނީ ދިވެހި ވިޔަފާރި ފުޅާ ކުރައްވަން ބިންތަކެއް ދެއްވާފަ އެވެ. މިގޮތުން 1958 ގައި ކުޑަދޮންމަނިކަށް މިހާރު ރީފްސައިޑް ހުރި "އޯކިޑް މަގު 3 ނަންބަރު" ބިން ދެއްވި އެވެ.

ޒާހިރު ވިދާޅުވި ގޮތުގައި އޭރުގެ ބޮޑުވަޒީރު ނާސިރު ބައްޕައަށް އެ ބިން ހުށަހެޅުއްވުމުން ފުރަތަމަ ގަބޫލު ކުރަށްވަން އުޒުރުވެރިވި އެވެ. ސަބަބަކީ އޭރު ވިޔަފާރި އޮތީ މެރިން ޑްރައިވް، މިހާރުގެ ބޮޑުތަކުފާނު މަގު، ނުވަތަ މާރުކޭޓު ސަރަހައްދުގައި ކަމަށްވުމެވެ.
އޭރުގެ ބޮޑުވަޒީރު ނާސިރު ވިދާޅުވި ކަމަށް ވަނީ ސިޓީގައި އޮތީ ތިމަންނައަށް ފެންނަ ތަނަކުން ދޭން އެދިފަ އެވެ.
"[ކުޑަދޮންމަނިކު] ބޭނުން ނޫނީއްޔާ ދޫކޮށްލާށޭ ބައްޕައަށް އެނގޭ އޭރުގެ ބޮޑުވަޒީރު ނާސިރަކީ ގޮތުގަ ހުންނަވާ ބޭފުޅެއްކަން. އެހެންވެ އެ ބިން [މިހާރުގެ ރީފްސައިޑް ހުރި ތަން] ގަބޫލު ކުރެއްވީ،" ޒާހިރު ވިދާޅުވި އެވެ.
އޭރުގެ ބޮޑުވަޒީރު ނާސިރުގެ ސަރުކާރުން ދިވެހި ވިޔަފާރިވެރިން އުފައްދަން އެ ދުވަސްވަރު ބޮޑު އިސްޓޯރު (މިހާރުގެ ގޮތުންނަމަ އެސްޓީއޯ) އުފައްދައި ރާއްޖެއަށް މުދާ އިމްޕޯޓްކޮށް ވިޔަފާރިވެރިންނަށް ވިއްކޭނެ އަގުގައި ފޯރުކޮށްދެމުން ގެންދިޔަ އެވެ. މިގޮތުން ހޯލްސޭލް ޑިސްޓްރިބިއުޓަރުންގެ ގޮތުގައި ވިޔަފާރިތަކެއް ނެގި އެވެ. މިގޮތުން 10 ޕަސެންޓްގެ ފައިދާގައި ވިއްކާ ގޮތަށް މުދާ ދޫކުރަމުން ގެންދިޔަ އެވެ. މިއީ މުދާ އެތެރެކުރުމުގެ ލައިސަންސް މަދުވުމާއި ބޭރު ފައިސާގެ ދަތިކަން ކުރިމަތި ވިޔަނުދޭން އޭރުގެ ބޮޑުވަޒީރު ނާސިރު ކުރެއްވި ކަމެކެވެ.
ސަރުކާރުން މުދާ ލިބެމުން ދިއުމާއެކު ކުޑަދޮންމަނިކު އިމްޕޯޓް މުދާ ވިއްކަމުން ގެންދިޔައީ ކަޅުހޮއްކޮ ކުޑަދޮންމަނިކް (ކޭކޭއެމް) ޓްރޭޑްމާކްގެ ދަށުންނެވެ. މި ލައިސަންސާއެކު ވިޔަފާރި ވަރަށް ބޮޑަށް ފުޅާކުރައްވައި ފޭރާމާއި ފައިވާނާއި އަދި އާންމު ވިޔަފާރީގެ އެހެނިހެން ބާވަތްތައް ވިއްކަން ފެށި އެވެ. މިއަދު ފެންނަ ރީފްސައިޑްގެ ތަފާތު ގިނަ ބާވަތްތަކުގެ ރީޓެއިލް ވިޔަފާރީގެ ބިންގާ އެޅުމަށްވި އެވެ. މިއީ މިހާރުގެ ރީފްސައިޑުގެ ބިންގާ ކަމަށް ބުނެވިދާނެ އެވެ.
މިއީ 1947 އިން 1980 އާ ހަމައަށް ކުޑަދޮންމަނިކު ކުރެއްވި ވިޔަފާރީގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ކާމިޔާބު ރީޓެއިލް އަދި ޑިސްޓްރިބިއުޝަން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރީފްސައިޑް ފެށިގެން އައި ގޮތެވެ. ކުޑަދޮންމަނިކުގެ އިސްތިރާޖީ ވިސްނުމާއި ބަދަލުވަމުންދާ މާކެޓާ އެއްގޮތަށް ބަދަލުވުމުގެ ގާބިލިއްޔަތުކަމުގެ ސަބަބުން ރީފްސައިޑްގެ މައިގަނޑު އުސޫލު ކަމަށްވާ (ފެންވަރު ރަނގަޅު މުދަލާއި ހިދުމަތް) ކަނޑައެޅުނެވެ.

ކަޅުހޮއްކޮ ކުޑަދޮންމަނިކު (އިބްރާހިމް ގާސިމް) 1980ވަނަ އަހަރު ދުނިޔެ ދޫކުރެއްވީ ހައްޖުގެ އަޅުކަން ނިމުމަށްފަހު އެންމެ މާތް އެއް ބިން ކަމަށްވާ މަދީނާގަ އެވެ. އަދި ފަސްދާނުލެވުނީ މަދީނާގެ ޖަންނަތު-އަލް ބަގީގަ އެވެ. ހައްޖުގެ މި ދަތުރުފުޅަށް ކުޑަދޮންމަނިކު ވަޑައިގެންނެވީ ވިޔަފާރީގައި ހުރި އަދި މުސްތަގުބަލުގައި އަތުވެދާނެ ހުރިހާ އޮޅުބޮޅުން ތަކެއް ފިލުއްވާފަ އެވެ. އިތުރަށް ޖެހޭނެ މައްސަލައެއް ނެތް ވަރަށް މުސްތަގުބަލް ސާފު ކުރައްވާފަ އެވެ.
މި ކާމިޔާބު އީޖާދީ ވިޔަފާރިވެރިޔާގެ ފަލްސަފާއަކީ ވިޔަފާރީގައި މަކަރު ނުހެދުމެވެ. އޮޅުވާ ނުލުމެވެ.
"އަބަދު ވެސް އެންމެ އިސްކަން ދެއްވީ އެކަމަށް. ވިދާޅުވާނެ ދުވަހަކު ވެސް މީހަކު ގޮތްހުސްވެގެން ވިއްކާލަން ބޭނުންވާ އެޗެއް ނުއަގުގައި ނުގަންނަށްޗޭ. ދަތިހާލު ޖެހިގެން އަންނަ މީހެއްގެ ފަރާތުން ނާޖާއިޒް ފައިދާއެއް ނުނަގައްޗޭ. މަކަރު ނުހަދައްޗޭ،" ޒާހިރު ވިދާޅުވި އެވެ.
ކުޑަދޮންމަނިކުގެ ފަރާތުން ވާރުތަވި ލެގަސީން ފެންނަނީ ކުޑަ ރަށެއްގެ ގޮނޑުދޮށުން ބޮޑު ކޮމަޝަލް ކުންފުންޏެއްގެ ވިޔަފާރި އުފެއްދެވި ގޮތެވެ. ރީފްސައިޑަށް މިއަދު ބައި ގަރުނު ވެގެންދާއިރު އެ ކުންފުނި އަދިވެސް އެއޮތީ ޒާހިރުގެ ބައްޕަގެ އެ ލެގަސީގެ މަތީގަ އެވެ. އެ ވަރުގަދަ ފަލްސަފާގެ ބިންގަލުގަ އެވެ.